އަންނަ އާދިއްތަ ދުވަހު ފައިޒާ ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އެޗްޕީއޭގެ ވައިބާ /ޓްވިޓާ އެކައުންޓްގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް ވެކްސިން އަންނަނީ އާންމުކޮށް ހުޅުވާލައިގެން ދެމުންނެވެ. އަދި ފައިޒާ ވެކްސިން ޖަހަން ބޭނުންވާ އުމުރުން 16 އަހަރުން މަތީގެ ބަލި މީހުންނާއި ކުދިން، ވެކްސިން ޖެހުމަށް އެދި ރަޖިސްޓާ ވާން ވަނީ ހުޅުވާލާފައެވެ.