ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ގުރުއަތުލުން ބާއްވައިފިއެވެ.

އެގޮތުން މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ "އެޗް-10" ކެޓަގަރީން ފްލެޓް ލިބޭ ފަރާތްތަކުގެ މެދުގައެވެ. ގުރުއަތު ނަގާފައި ވަނީ އެ ކެޓަގަރީން ފްލެޓު ލިބުނުކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަންބަރު ތަރުތީބުންނެވެ.

ގުރުއަތުލުގެ ބައި "ޔެސް ޓީވީ" އާއި "ޕީއެސްއެމް" އިން ވަނީ ލައިވް ވެސް ކޮށް ދައްކާފައި ވާއިރު، ގުރުއަތު ނެގިއިިރު ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ވަނީ ދައްކައިފައެވެ. އަދި ފްލެޓު ލިބުނު ފަރާތުން ދީފައިވާ ނަންބަރަށް މެސެޖެއް ލިބޭނެއެވެ. އެ މެސެޖުގައި ނެގުނު ފުލެޓާއި، ފަންގިފިލާއާއި، ޓަވަރު ހިމެނޭނެއެވެ. އޭގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ހިޔާ ފްލެޓްގެ ގުރުއަތުލުން ފަށައިގެން ކުރިއަށްދަނީ / ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް މިއަދު ފެށިގެން ކުރިއަށްދާއިރު ހިޔާ ފްލެޓްގެ ގުރު ނެގުމަށްފަހު، އެގްރީމަންޓް ހަދާ، ސޮއި ކުރުމާއެކު ފްލެޓުގެ ތަޅުގަނޑި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަދި ފްލެޓް ލިބުމުން، ޓައިލްސް ޖެހުމާއި ދޮރު ހަރުކުރުން ފަދަ މަސައްކަތް ކުރުމަށް 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.