ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 4404 މީހުންނެވެ. އެއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 260،285 އަށް އަރާފައެވެ،

އިއްޔެ ދެވަނަ ޑޯޒް 2618 މީހަކު ޖަހާފައި ވާއިރު ޖުމްލަ އަދަދު 10،569 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާ އިރު، ދެވަނަ ޑޯޒް ޖަހަން ފަށަފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެމުން އަންނަނީ ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، އާރޓް ގެލަރީ އަދި ސެނަހިޔާގައެވެ. މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓާލާއި ރައްޔިތުންގެ މަޖިލިސް އިދާރާއިންވެސް ފުރަތަމަ ޑޯޒް ދަނީ ދެމުންނެވެ.