މިހާރު ނޫހުގެ އެޑިޓަރުގެ މަގާމުގައި ހުންނެވި މޫސާ ލަތީފު އެނޫހުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިސްތިއުފާ ދެއްވާފައި ވަނީ މީޑިއާއާ ގުޅިންހުރި މަސައްކަތެއް ކުރައްވަން ކަމަށެވެ. ކުރައްވާ މަސައްކަތުގެ ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސަ "މިހާރު" ނޫހުން އިސްތިއުފާ ދެއްވީ އަމިއްލަ ނޫހެއް ހެއްދެވުމަށެވެ.

"ހަވީރު"ގެ ޕާޓްޓައިމް ލިޔުންތެރިއެއްގެ ގޮތުގައި 1989 ވަނަ އަހަރު އެ ނޫހާ ގުޅިވަޑައިގެންނެވި މޫސަ ފާހަގަވީ "ހަވީރު"ގެ ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގައެވެ. ނަމަވެސް 1990 ގައި، "ހަވީރު"ގެ ކުޅިވަރު ސަފްހާ ލިޔުއްވަން ފެށްޓެވިތާ ގިނަ ދުވަސްތަކެއް ނުވެ، "ހަވީރު"ގެ ފުލްޓައިމް ރިޕޯޓަރެއްގެ މަގާމު ލިބިވަޑައިގަތެވެ. އަދި ފަހުން "ހަވީރު"ގެ ސްޓާފް ރިޕޯޓަރު ކަމާއި ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމުގެ މަގާމު މޫސަ އަދާކުރެއްވިއެވެ.

1989 ވަނަ އަހަރު ނޫސްވެރިކަމަށް ވެންނެވި މޫސަ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން ނޫސްވެރިކަމުގެ "ރިހިގަލަން"، "އަލިމަސް ގަލަން" އަދި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން 2001 ވަނަ އަހަރު މޫސައަށް ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.