2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު، 3 މިލިއަން ފާހަގަ ހުރަސް ކޮށްފިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2 މިލިއަން ފާހަގަ ހުރަސް ކުރަން 1 އަހަރު ދުވަސް ހޭދަ ވީ ނަމަވެސް، 2 މިލިއަނުން 3 މިލިއަނަށް އަރާފައި ވަނީ އެންމެ 3 މަސް ދުވަހުގެ ތެރޭގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 3 މިލިއަނަށް އަރާފައި މިވަނީ، މި ބަލީގެ އިތުރު ރާޅެއް ދުނިޔޭގެ ހިސާބުތަކަށް ކުރިމަތިވެފައި ވާ ދަނޑިވަޅެއްގައެވެ. ހަމަ އެހެންމެ މި ދަނޑިވަޅަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ކެމްޕޭންތައްވެސް ހަލުވި ސްޕީޑެއްގައި ހިންގަމުން ދާ ދަނޑިވަޅެއްވެސްމެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު ކޭސްތައް އިތުރު ވަމުން ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާ ވޭރިއަންޓްތައް ފެތުރެމުން ދިއުމެވެ. މީގެ އިތުރުން ލޮކްޑައުންތަކާ ހަރުކަށި އަމުރުތަކުގެ ސަބަބުން މީހުން ވަރުބަލިވުމަކީވެސް ކޭސް އިތުރުވާ ސަބަބެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކުރަމުން ދަނީ ބްރެޒީލުންނެވެ. ކޮވިޑް-19 ޖެހިގެން މަރުވާ ކޮންމެ 4 މީހަކުން 1 ނިސްބަތް ވަނީ ބްރެޒީލަށެވެ.