ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖެހޭ އާބާދީގެ 57 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 4742 މީހަކަށް ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ. އެއީ މާލޭ ސަރަހައްދުން 376 މީހަކާއި އަތޮޅު ތެރެއިން 4،366 މީހެކެވެ. މިއާއެކު ރާއްޖެއިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 255،881 އަށް އަރާފައެވެ.

މާލެ ސަރަހައްދުން ފުރަތަމަ ޑޯޒް ޖެހުން މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށް ފަހު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އަނެއްކާ ވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 2198 މީހުންނެވެ. އެއީ މާލޭ ސަރަހައްދުން 2،116 މީހަކާއި އަތޮޅު ތެރެއިން 82 މީހެކެވެ.

މިއާއެކު ޑެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 7951 އަށް އަރާފައެވެ.