މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު އާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް މިރޭ ސަންގު ޓީވީއިން ގެނެސްދޭ ސަންގު އެކްސްކްލޫސިވް ޕްރޮގުރާމުގައި ޖަވާބު ދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު އާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ކުރާނީ SC (ހުސްތަންކޮޅެއް ދޫކުރުމަށް ފަހު) ނަން އަދި ފޯނު ނަންބަރު ޖެހުމަށް ފަހު 3366 އަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ ރާއްޖެއަށް އެތައް ތަރައްގީއެއް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު ކޮވިޑްގެ މި ދަތި ހާލަތުގައި ވެސް މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ހާލު ބައްލަވަމުން ދޮރުން ދޮރުން ކެމްޕޭން ކުރައްވަމުންނެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އެމީހުންގެ ޝުއޫރުތައް އަޑުއައްސަވަމުންނެވެ.