ރާއްޖެއިން ބޭރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާމް އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސާ ދީފައިވާ ކަމަށެވެ.

އެގޮތުން އެފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ އެއް މެއިލް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނީ އީމެއިލްގައި ނަން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު، ގުޅޭނެ ނަންބަރު، ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިހް ހިމަނަން ވާނެ ކަމަށެވެ.

ކޮވިޑް ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ރާއްޖޭގައި އާންމުކޮށް ޖަހަން ފަށާފައި ވަނީ ހޮނިހިރު ދުވަހެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އެގޮތުން އިއްޔެ 4243 މީހަކަށް ފުރަތަމަ ޑޯޒް ޖަހާފައި ވެއެވެ. މިހާތަނަށް ރާއްޖެއިން 251،139 މީހަކަށް ވެކްސިން ޖަހައިފިއެވެ. އަދި އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 2016 މީހުންނެވެ. މިއާއެކު ޑެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 5753 އަށް އަރާފައެވެ.