ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ މެދު މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ހިޔާލު ތަފާތު ވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިގެން މައްސަަލަ ހައްލު ނުވާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އަސްލު މައްސަލައަކީ ކޮބައިތޯ ބަލަން ޖެހޭ، މަސައްކަތްތަކަަށް ދަތިވާކަަމަށް ބުނިނަމަވެސް އަސްލު މައްސަލައަކީ އެތަނުގައި މަސައްކަތް ކުރާ މީހުން، އެހެން ދިމާވަނީވެސް އެ މީހުންގެ އަމަލުތައް ހުންނަގޮތުން، އަދި ކަރަޕްޝަން ފަދަ މައްސަަލަތަކާ މުވައްޒަފުން ސަރުކާރުގެ ސިޔާދަތާ އެއްގޮތަށް މަސައްކަތް ނުކޮށްގެން މަސައްކަތަށް ހުރަސް އެޅޭނަމަ އެފަދަ މީހުން މަގާމުން ދުރުކުރަން ޖެހޭ
ހަސަން އަފީފް

ސަރުކާރުން ހުށަހެޅި ބިލަށް މިއަދު އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުން ބާރުތައް ދޫކޮށްލަން ބޭނުންވާ ސަބަބަކީ، ޓްރާންސްޕޯޓްގެ މަސައްކަތަކަށް ވިޔަސް އަދި ބިމާ ގުޅޭ މަސައްކަތަކަށް ވިޔަސް އަދި ރަށުގެ ތަރައްގީއާ ގުޅޭ އެންމެހާ މަސައްކަތްތަކަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކަަށްވާތީ ކަމަށެވެ.

ޓްރާސްޕޯޓު އޮތޯރިޓީ އުވާލަން ހުށަހަޅާފައިވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެ ބިލުގައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިމަހު އަށް ވަނަ ދުވަހުއެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެއާއެކު، ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.