ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަންނީ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ފްލެޓް ދޫކޮށްލަން ބޭނުން ވާ ނަމަ، އެކަން އެންގުމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޗްރަކްޓާ އިން އެދިއްޖެއެވެ.
އެ މިނިސްޓްރީން ރޭ ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުން، އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކަށް ކަމަށެވެ. މިފަދައިން ފްލެޓް ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފުރުސަތަކީ، ހިޔާ ފްލެޓަށް ކުރިމަތި ލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ހަމަ އެއާއެކު ހުޅުވާލި ފުރުސަތުގެ ދަށުން ހުރި ހައުސިން މަޝްރޫއުތަކުގެ ފްލެޓުތައް ވެގެން ދާނީ، އެފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 3 ކޮޓަރީގެ ފްލެޓްތަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ އިތުރުން ސިވިލް ސާވިސްގެ ފަންނީ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން އެކަން އެންގުމަށް އެ މިނިސްޓްރީން އެދެއެވެ. މިކަމަށް އެދުމަށް ދީފައިވާ މުއްދަތަކީ މިއަދުން ފެށިގެން ފެށިގެން މިމަހު 19ގެ ނިޔަލަށެވެ.
ފްކެޓް ދޫކޮށްލަން އެދޭއިރު ސިޓީއިން ނަމަ، ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީ) ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން އެދި"، މިފަދައިން ލިޔުމަށް ޕްލޭނިން މިނިސްޓްރީން އަންގާފައި ވެއެވެ. އަދި އީމެއިލް މެދުވެރިކޮށް ނަމަ " [email protected] ، [email protected] އަދި [email protected] " މި ތިން އީމެއިލްއަށް މެއިލް ކުރެވޭނެއެވެ. އަދި ވަޓްސްއަޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެދޭ ނަމަ 7444971 އަށް މެސެޖް މެދުވެރިކޮށް ފްލްޓް ދޫކޮށްލުމަށް އެދެވޭނެއެވެ. ހަމައެއާއެކު ފޯނުން ގުޅައިގެން ވެސް ފްލެޓް ދޫކޮށްލުމަށް އެދެވޭނެއެވެ. އެގޮތުން ގުޅަން ޖެހޭ ނަންބަރު ތަކަކީ، 4004951, 4004954, 4004955, 4004959 އެވެ.