ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަކީ ދިވެހިންނަށް އާ މޫނެއް ނޫނެވެ.

ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން މާލޭގެ މަގުމަތީގައި

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ ރާއްޖެއަށް އެތައް ތަރައްގީއެއް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނަށް ކުރައްވާ މަސައްކަތުގެ ތެރެއިން އާންމުންނާ ބައްދަލު ކުރައްވަނީ

މުއިއްޒު ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މާލޭގެ ދެކުނު ހާބަރާ ދިމާލުން ބިން ހިއްކުމަށް ފަހު އިންޑަސްޓްރިއަލް ޒޯންގެ ނަމުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވުނެވެ. މިއާ އެކު ތިލަފުއްޓަށް ކުނި ގެންދިއުމަށް ވެސް އެ ސަރަހައްދުން ބައެއް ހާއްސަ ކުރވެި ތެޔޮ ބައުޒަރުތައް ވެސް އެ ސަރަހައްދަށް ގެންދެވި ގިނަ ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް އެކަމުން އެތައް މަންފާއެއް ލިބިގެން ދިޔައެވެ.

މާލެ ދެކުނު ހާބަރުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން އިންޑަސްޓްރިއަލް ޒޯންގެ ނަމުގައި ބޮޑު ސަރަހައްދެއް ހިއްކައި ތަރައްގީ ކުރެވުނު

ހަމައެއާއެކު މާލެ އާއި ހުޅުމާލެ ގުޅުވާލަދީ ޗައިނާގެ އެހީއާއެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބްރިޖެއް އެޅިގެން ދިޔައީ ވެސް ޑރ. މުއިއްޒުގެ ވަޒީރު ކަމުގައެވެ. ސިނަމާލެ ބްރިޖަކީ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެތައް ބަޔަކަށް ލިބުނު ހިތް ހަމަޖެހުމެކެވެ. ސައިކަލު ހިފަިއގެން ހުުޅުމާލެއަށް ދާން ޖެހިއްޖެ ނަމަ އެތައް އިރެއް ވާންދެން ކިއުގައި ތިބެން ޖެހުން ހުއްޓިގެން ދިޔައެވެ. އަދި އެތައް ބަޔަކު ދިރިއުޅެމުން ދިޔަ ހުޅުމާލެއިން މާލެއަށް ވަޒީފާ އަދި އެހންިހެން ބޭނުންތަކަށް ދަތުރު ކުރާ މީހުން ފެރީގައި ދަތުރުކުރުމުގައި ތަހައްމަލު ކުރަންޖެހުނު ވަގުތު ކުޑަވެ އެ ރައްޔިތުންނަށް ލިބިގެން ދިޔަ ލުއި ފަސޭހައަކަށް ސިނަމާލެ ބްރިޖް ވެގެން ދިޔައެވެ.

ޗައިނާގެ އެހީތެރިކމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޅުނު ބްރިޖް - ސިނަމާލެ ބްރިޖް

ބައިބޯވެފައިވާ މާލެ ސިޓީގައި ދިރިއުޅެމުން ދިޔަ މީހުންގެ ހިތްތަކަށް އުފާވެރިކަމެއް ގެނެސް ދިން އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ދެން ފާހަގަ ކުރެވިގެން ދިޔައީ ސަލްޓަން ޕާކްގެ ނަމުގައި މާލޭގައި ހުރި ޒަމާންވީ ޕާކް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވިގެން ދިއުމެވެ. ޒަމާނީ ވައްޓަފާޅިއަށް ކުޑަކުދިން ކުޅުމަށާއި ހިތްފަސޭހަ ކަމާއި ހަމަޖެހުން ގެނެސްދޭ ފަދަ ހިތްގައިމު ރީތި ޑިޒައިންކަށް ކުރީގެ ސަލްޓަން ޕާކަށް ބަދަލުތައް ގެނެސް ރަސްރަނި ޕާކް ހުޅުވުމާއެކު އާންމުން ވަނީ އެ ތަރައްގީ ބަލައިގެންފައެވެ.

ސަލްޓަން ޕާކްގެ ނަމުގައި މާލޭގައި ޒަމާނުއްސުރެ ހުރި ޕާކު ތަރައްގީ ކޮށް ޒަމާނާ އެއްގޮތަށް ބަދަލުތައް ގެނެސް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވުނު

ހަމައެއާއެކު މާލޭގެ ކާނިވާ ސަރަހައްދުގައި ސަލްމާން މިސްކިތުގެ ނަމުގައި ބިނާ ކުރަން ފެށި މިސްކިތަކީ ވެސް މާލޭގެ މަލަމައްޗަށް އިތުރު ދިރުމެއް ގެނެސްދޭ ފަދަ ހިތްގައިމު ޑިޒައިންކަށް ފަރުމާ ކުރެވިފައިވާ މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 6 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ ގޮތަށް 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގައި އިމާރްތާްކުރަން ފެށުނު ސަލްމާން މިސްކިތް

މާލެ ސަރަހައްދަށް ތަރައްގީ ގެނައުމައްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގެ ނަމުގައި ބޮޑު ސަރަހައްދެއް ވެސް ވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ހިއްކާފައެވެ. ހުޅުމާލެއިން 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ޖުމްލަ 180 ދުވަސްތެރޭގައެވެ. އަދި އެއީ މަހާ ޖައްރާފް ވެސް ރާއްޖެއަށް ނުގެންނަނީހެވެ.

ހުޅުމާލެ ފޭސް 2 ހިއްކާފައިވާ ބިން / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

އެއަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7000 ފްލެޓްގެ މަަޝްރޫއެއް ވަނީ ޑިސެމްބަރު 19، 2017 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށާފައެވެ. އެއީ ތޮއްޖެހިފައިވާ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގައި އިމާރާތް ކުރީ 25 ބުރީގެ 16 ޓަވަރެވެ.

ހުޅުމާލެ ފޭސް 2 ގައި ގާއިމް ކުރި ހިޔާ މަޝްރޫގެ ފްލެޓްތައް / ފޮޓޯ: ދަ ޕްރެސް

މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޑރ މުޢިއްޒުގެ މިނިސްޓަރުކަމުގައި މާލޭގެ ބައެއް މަގުތައް ދުއްވާ އެއްޗެއްސަށް ނުވަދެވޭނެހެން ހަދައި ހަމައެކަނި ހިނގާ މީހުންނަށް މުޅިން އަލަށް ހާއްސަ ކުރިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްފަސޭހަ، ހިތްހަމަ ޖައްސާލާނެ މައިޒާންތައް ތަރައްގީ ކުރެއްވިއެވެ. އޭގެ ތެރޭގައި ހިތްތަން މައިޒާން، ރައިވެރިބޭ މައިޒާން، މާވެޔޮ މައިޒާން އަދި ރެހެންދި މައިޒާނާއި މުއިވެޔޮދޮށު މައިޒާން ފަދަ ތަންތައް ހިމެނެއެވެ.

ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނަށް ކުރައްވާ މަސައްކަތުގެ ތެރެއިން އާންމުންނާ ބައްދަލު ކުރައްވަނީ

މީގެ އިތުރުން މާލޭ ރިންގު ރޯޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާއި، ދަތުރުވެރިންގެ މާރުކޭޓު އަލުން ހެދުމުގެ މަސައްކަތް ވެސް ކުރެއްވީ ޑރ. މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައި ގެން ޑރ. މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ޑރ. މުހައްމަދު މުއިއްޒު އިންތިހާބަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން މާލޭގައި ދަތި ހާލުގައި އުޅޭ މީހުންނާ ވާހަކަ ދައްކަވަނީ

ވަޒީރު ކަމުގައި ހުންނެވި އިރު ޑރ މުއިއްޒު ވަނީ އޭޝިއާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ބެންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޒުވާނުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު ކޮވިޑްގެ މި ދަތި ހާލަތުގައި ވެސް މުއިއްޒު އަންނަނީ ރައްޔިތުން ހާލު ބައްލަވަމުން ދޮރުން ދޮރުން ކެމްޕޭން ކުރައްވަމުންނެވެ. ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އެމީހުންގެ ޝުއޫރުތައް އަޑުއައްސަވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ގޭގެއަށް ޒިޔާރަތް ކުރައްވަނީ

އިންތިހާބުގައި މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ކުރިއެރުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި ރައްޔިތުންގެ ދަތިތައް ހައްލު ކޮށްދިނުމަށް، ޓަކި ނުޖައްސަވާ ދޮރެއް ނުބަހައްޓަވާނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން މާލޭގައި ހުރި ގެއަުން ނުކުމެވަޑައިގަންނަވަނީ

ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެ ނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

ޑރ. މުއިއްޒުގެ އިތުރުން މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އާއި އަމިއްލަ ގޮތުން ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ އެވެ. މުއިއްޒަކީ ކެންޑިޑޭޓް ނަންބަރު 1 އެވެ.