ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ އަތޮޅު ތެރޭގައި ޖަހަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 2016 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1969 މީހަކާއި އަތޮޅު ތެރެއިން 47 މީހެކެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 3737 އަށް އަރާފައެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 3147 މީހުންނެވެ. އެއީ މާލެއިން 390 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 2757 މީހުންނެވެ. އެއާއެކު ވެކްސިން ޖެހި މީހުންގެ އަދަދު 246،896 އަށް އަރާފައެވެ.

ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޮޒް އާންމުކޮށް ހުޅުވާލައިގެން މިމަހު ތިން ވަނަ ދުވަހު ޖަހަން ފެށި ނަމަވެސް ހާއްސަ ހާލަތްތަކުގެ ސަބަބުން ބައެއް މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަން ޖެހޭތީ އެފދަ ފަރާތްތަކަށް ދެވަނަ ޑޯޒްގެ ވެކްސިން ވަނީ މީގެ ކުރިން ޖަހަން ފަށާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް ވެކްސިން އަންނަނީ އާންމުކޮށް ހުޅުވާލައިގެން ދެމުންނެވެ. އަދި ފައިޒާ ވެކްސިން ޖަހަން ބޭނުންވާ އުމުރުން 16 އަހަރުން މަތީގެ ބަލި މީހުންނާއި ކުދިން، ވެކްސިން ޖެހުމަށް އެދި ރަޖިސްޓާ ވާން އިއްޔެ ވަނީ ހުޅުވާލާފައެވެ.