ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި ޖަހަން ފަށާފައިވާއިރު މިއަދު 1149 މީހުން ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 1721 މީހުންނެވެ.

މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 2622 މީހުންނެވެ. އެއީ މާލެއިން 409 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 2213 މީހުންނެވެ. އެއާއެކު ވެކްސިން ޖެހި މީހުންގެ އަދަދު 243،749 އަށް އަރާފައެވެ.

ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޮޒް އާންމުކޮށް ހުޅުވާލައިގެން މިއަދު ޖަހަން ފެށި ނަމަވެސް ހާއްސަ ހާލަތްތަކުގެ ސަބަބުން ބައެއް މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަން ޖެހޭތީ އެފދަ ފަރާތްތަކަށް ދެވަނަ ޑޯޒްގެ ވެކްސިން ވަނީ މީގެ ކުރިން ޖަހަން ފަށާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާ އިރު ކޮވިޝީލްޑްގެ އިތުރުން ސިނޯފާމް ވެކްސިން އަންނަނީ އާންމުކޮށް ހުޅުވާލައިގެން ދެމުންނެވެ. ރާއްޖޭގައި ފައިޒާ އަދި ސިނޯފާމް ވެކްސިން ޖަހަން ހުއްދަ ދީފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހެވެ. އަދި ސިނޯފާމް ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 22 ގައެވެ.