ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ސ. ހިތަދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖްލިސް މެމްބަރުން ކަމަށް ވާ، މުހައްމަދު އަސްލަމް، އަހުމަދު ރަޝީދު، އަދި އިބްރާހިމް ނާޒިލް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ ރައީސް އާއި މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ސ. ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 297،234 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމަށް ވަނީ ނިންމާފައެވެ. އަދި 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ނިންމާފައި ވެއެވެ. ހަމައެއާއެކު ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކުރި މިމަޝްރޫއަކީ 43.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ދީފައި ވަނީ 365 ދުވަހުގެ މުއްދަތެކެވެ.