ފުވައްމުލަކު ސިޓީގައި އެޗްޑީސީގެ ކޯލް ސެންޓަރެއް ރަސްމީކޮށް ހުޅުވާ، 1516 ހޮޓްލައިން އިފްތިތާހް ކޮށްފިއެވެ.

އެޗްޑީސީން ބުނީ ފުވަމުލަކުގައި މިއަދު އިފްތިތާހު ކުރި ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެެއް ކަމަށެވެ.

އެޗްޑީސީ އާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް އެކި ބޭނުންތަކަށް އެކުންފުންޏަށް ގުޅާ ހިދުމަތް ހޯދާ ފަރާތްތަކަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ އެ ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒު ކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން ވެސް އެ ކޯލް ސެންޓަރުގެ ސަބަބަބުން ފުވަމުލަކު ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެ ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލަކު ތަރައްގީކުރުމަށް ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވޭޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު ވިދާޅުވީ ކޯލް ސެންޓަރުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ފުވަމުލަކުގެ ރައްޔިތުންނާއި އެޗްޑީސީއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށްގެންދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ފުވަމުލަކުގެ މޭޔާ އަބްދުالله ފަލާހް ޝަރީފް ވިިދާޅުވީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫން ކަމަށާއި، އެޗްޑީސީގެ އާބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްގީއެއް ގެނައުން ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ މިއަދު ފެށިގެން މިދިއަ ގުޅުމުގެ ސަބަބުން އެކަން ފުރިހަމަކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދިޔަކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާގެ މިވާހަކަގައި އެޗްޑީސީގެ ވިސްނުން ހުރީ ހުޅުމާލެ ފަދަ އެތައް ސިޓީއެއް ރާއްޖޭގައި ތަރައްގީކުރުމުގެ ބައިވެރިއަކަށްވެ، އެކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

މިވަގުތު ޖުމްލަ ތިން މުވައްޒަފަންނާއި އެކު ހުޅުވިގެން ދިޔަ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވަމަލަކުން ހޮވާލި ކުދިން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް އެ މުވައްޒަފުންނަށް ހިންގާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކުރިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަކީ އެކުންފުނިން ހާއްސަ އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.