އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ 100،000 ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު މާޗް 23، 2021ގައި ވީ އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ދިވެހިރާއްޖެއިން ގަނެފައިވެއެވެ.
މިއަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ވެސް ވަނީ ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށާފައި ވާއިރު ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ އިންޑިއާއިން ހަދިޔާ ކުރި ވެކްސިނެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެކެނާގެ ކޮވިޝީލްޑް ވެކްސިންއެވެ.
މިވަގުތު ރާއްޖޭގައި ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ދަނީ ޖަހާ ދެމުންނެވެ.
މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ގޮތުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ މާލޭގައި ނުތިބޭ ފަރާތްތަކަށެވެ. ތައުލީމް ހާސިލް ކުރުމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން ނުތިބެވޭ ނަމަ ދެވަނަ ޑޯޒް ޖަހަން އެދި ނަން ނޯޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ރާއްޖެއިން މިހާތަނަށް 232،175 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 129،069 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 103،106 މީހުންނެވެ.