ޅ. ފެލިވަރުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 75 އަށް އަރައިފިއެވެ.

އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ފެލިވަރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެދުވަހު ޕޮޒިޓިވްވެފައިވަނީ އެއަކު ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ 25 ވަނަ ދުވަހު 4 މީހުން ޕޮޒިޓިވްވެފައިވާއިރު 26 ވަނަ ދުވަހު 66 މީހުން އަދި ހޮނިހިރު ދުވަހު ހަތަރު މީހުން ޕޮޒިޓިވްވެ، ފެލިވަރުގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 75އަށް އަރާފައިވާ ކަމަށެވެ.

ފެލިވަރު މޮނީޓަރިން ހާލަތަށް ލާފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ.

ފެލިވަރު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެޗްޕީއޭއިން ބުނެފައި ވަނީ، ފެލިވަރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާތީ، މާޗް 1. 2021 ގެ ފަހުން އެރަށުގައި އުޅެފައި، އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ވެސް އެދިފައެވެ.

މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 13 އަށް އަރާފައެވެ. އެއީ ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރީ، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ އަދިޅ. އޮޅުވެލިފުއްޓެވެ.