ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ކޮވިޑް އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެންނަ ކަމަށް ބުނެ އިއުލާން ކުރި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އޭސީސީން އެ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އާ މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލާ، ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތް ކަމަށް ފެންނާތީ، އެ ނިންމުމަށް ބަދަލު ނުގެންނަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އެހެން ބުނީ އިރު އެ މައްސަލައިގައި މަދުވާ އުންސުރުތައް ހަމަ ކުރަން ޕީޖީން އޭސީސީއާ ވާހަކަ ދެއްކި ކަމެއް ނުވަތަ އޭސީސީއަށް އިރުޝާދެއް ދީ އެންގި ކަމަކަށް ޕީޖީއަކުން ނުބުންޏެވެ.

މީގެ ކުރިން ޕީޖީން ބުނެފައި ވަނީ އެ މައްސަލައިގައި ބޭނުންވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ މުރާޖައާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ޕީޖީއަށް އަންގާފައެވެ.

މި މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރު ކަމަށް ބުނެފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލަ ފެންމަތިވެ އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.