އެމެރިކާގެ ކުންފުންޏަކުން އުފެއްދި ފައިޒާ ވެކްސިންގެ 5,850 ޑޯޒް ރާއްޖެ ގެނެސްފިއެވެ.

ޔުނިސެފް މޯލްޑިވްސް އިން ބުނީ ކޮވިޑް-19 ވެކްސިނޭޝަން ކެމްޕޭނުގެ ދަށުން ކޮވެކްސް ފެސިލިޓީން ހަދިޔާކުރި 5850 ފައިޒާ ވެކްސިން މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

ފައިޒާ ވެކްސިން ރާއްޖެއަށް މިއަދު ގެނެސްފައި ވާއިރު މިއަދު ވަނީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި އެއް ލައްކަ ސިނޯފާމް ވެކްސިން ޑޯޒް ވެސް ގެނެސްފައެވެ.

އެ ވެކްސިން ރާއްޖެ ގެނެސްފައިވާ ކަން އިއުލާން ކޮށްފައި ވަނީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ ތެރެއިން ފުރަތަމަ އެއްލައްކަ ޑޯޒްގެ އެއް ބެޗު ރާއްޖެ ގެނެސްފައި ވަނީ ރޭ މޯލްޑިވިއަންގެ ފްލައިޓެއްގަައި ކަމަށެވެ.

ރާއްޖޭގައި ސިނޯފާމް ވެކްސިނަށް ވެސް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހެވެ.

ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ވަނީ ހަދިޔާ ކޮށްފައެވެ. މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ.

އިއްޔެގެ ނިޔަލަށް 224،979 މީހުން ރާއްޖޭގައި ވަނީ ވެކްސިން ޖަހައިފައެވެ.