ސަރުކާރުން އުޅެނީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކުރަން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ މިސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ އަގުވައްޓާލާ، ފުރައްސާރަކުރަމުން ގެންދާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެގޮތުން ސިވިލް ސާވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް ރައީސް ސޯލިހާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށް އެބަޔާނުގައި ބުނެއެވެ. އަދި މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓާޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެބަޔާނުގައި އިތުރަށް ބުނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ސިވިލް ސާވަންޓުން މަހުރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
އެއިސްލާހުތަކަށް ވާހަކަ ދައްކަވަމުން، މި ސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވަނީ ސިވިލް ސާވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި "އަޑެއް ނެތް" ބައެއްކަމަށް ވިދާޅުވެފައި ކަމަށް ބަޔާނުގައި ބުނެއެވެ.
އެގޮތުން އެއީ ދިވެހި ސިވިލް ސާވިސްގައި ހިދްމަތްކުރާ ސައްބީސް ހާހަށްވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެއް ކަމަށާއި ގައުމީ ހިދުމަތުގައި ރެޔާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ގައުމަށް އަގުނުކުރެވޭފަދަ ހިދްމަތްތަކެއް ކޮށްފައިވާ ފަރާތްތަކާމެދު ދައްކާފައިވާ ވަރަށް އިހްތިރާމްކަން ކުޑަ ވާހަކަތަކެއް ކަމަށް އެބަޔާނުގައި ބުނެއެވެ.
އެހެންކަމުން މިއަދު ސަރުކާރާ ރައްޔިތުންގެ މަޖިލީހާއި އަދި ޖުޑީޝަރީ ވެސް މި ސަރުކާރުގެ މުށުތެރެއަށް ޖަމާކޮށްގެން ތިބެ ސިވިލް ސާވިސް މުވައްޒަފުންނަކީ ކަށްވަޅަށް ދާންދެން ހަނުތިބެންޖެހޭ ބައެއް ކަމަށް ބުނެ އެ މުވައްޒަފުންނާއި ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެ އަސާސީ ހައްގުތައް ގެއްލޭގޮތަށް ވާހަކަދެއްކުމަކީ މިއަދުގެ ސަރުކާރުގެ ހީލަތްތެރިކަން ރައްޔިތުންނަށް ހާމަވެގެންދާކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.