ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރަށް ކޮވިޑް ވެކްސިން ފޯރުކޮށްދެމުން ދަނީ އިންޑިއާއިންނެވެ. ނަމަވެސް، ވެކްސިން އެކްސްޕޯޓް ކުރުމަށް އިންޑިއާއިން މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކާ އެއް ރޫހެއްގައި ނުވަތަ ޑިމާންޑާ އެއްވަރަށް ވެކްސިން ފޯރުކޮށް ނުދެވުމުގެ މައްސަލަތަކާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން އުފައްދަމުން އަންނަ ކުންފުނިން ވެސް ވަނީ، އިނގިރޭސިވިލާތަށް ފޯރުކޮށްދޭން އޮތް ޝިޕްމަންޓް މަޑުޖައްސާލަން ޖެހިދާނެ ކަމަށް އިންޒާރު ކޮށްފައެވެ. ނޭޕާލަށް ފޮނުވަން އޮތް އޯޑަރެއް މިހާރުވެސް އޮތީ މަޑުޖައްސާލާފައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

މަޑުޖެހުމެއް އުޅެނީ ކީއްވެ؟

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ނޯވާވެކްސްއާއި އަސްޓްރާޒެނީކާގެ (ކޮވިޝީލްޑް) ވެކްސިން، ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ވަނީ، ވެކްސިން އުފައްދަން ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި ދަތިތަކެއް އުޅޭކަން ހާމަކޮށްފައެވެ.

އެސްއައިއައިގެ ޗީފް އެގްޒެކެޓިވް، އަދާރު ޕޫނަވައްލާ ވިދާޅުވާ ގޮތުގައި، މި މައްސަލަ ކުރިމަތިވަނީ، ވެކްސިން އުފައްދަން ބޭނުންވާ ބައެއް ސަމާނު އެކްސްޕޯޓް ކުރުމަށް އެމެރިކާއިން ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ސެލް ކަލްޗާ މީޑިއާ، އެއްފަހަރު ބޭނުން ކުރާ ޓިއުބް އަދި ވަކި ކަހަލަ ކެމިކަލްތަކެއް އެމެރިކާ މަގުން އިމްޕޯޓް ކުރުމުގައިވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް އެސްއައިއައިއިން ބުނެއެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

އެސްއައިއައިއިން ވަނީ، ދުނިޔެއަށް ބޭނުންވާ ސަޕްލައި ފޯރުކޮށްދެމުން ދިއުމަށްޓަކައި، ވެކްސިން އުފެއްދުމުގެ މަރުހަލާއަށް މަޑުޖެހުމެއް ނާންނާނެ ކަން ކަށަވަރު ކުރުމަށް، މި ކަމުގެ ތެރެއަށް އިންޑިއާގެ ސަރުކާރުން ވަދެދިނުމަށް އެދި ހުށަހަޅާފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިން، ސިނާއީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ އިންޑިއާގެ ބައޮލޮޖިކަލް އީ ކުންފުނިންވެސް ވަނީ، ވެކްސިން އުފައްދަން ބޭނުންވާ ސާމާނު، އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ފުރުސަތު އޮތް ކަން ހާމަކޮށްފައެވެ.

އެމެރިކާއިން ސަޕްލައި ހުއްޓުވަނީ ކީއްވެ؟

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވެކްސިން އުފެއްދުމަށް އެ ގައުމަށް ކުރިމަތިވާ ދަތިތައް ފާހަގަ ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އިގުތިސޯދު ހިންގުމުގެ މުހިންމު ބާރުތަކެއްވެސް ރައީސްގެ އަތްޕުޅަށް ވަނީ ނަންގަވާފައެވެ.

ސިނާއީ ފެންވަރުގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ލެބެއް / ފޮޓޯ: ބްލޫމްބާގް ކުއިންޓް

މިއާއެކު، އެމެރިކާގެ ފަސްގަނޑުގައި ވެކްސިން އުފެއްދުން އިތުރު ކުރުމަށްޓަކައި ބައެއް އުފެއްދުންތައް އެކްސްޕޯޓް ކުރުން މަޑު ޖައްސާލުމުގެ ފުރުސަތު ތަނަވަސްވެގެން ދެއެވެ.

ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ މިފަދަ ބާރެއް ބޭނުން ކުރައްވައިގެން، އެމެރިކާއިން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އެކްސްޕޯޓް ކުރުން މަޑުޖައްސާލަފައެވެ.

އިންޑިއާގައި ތަރައްގީ ކުރާ ކޮވިޑް ވެކްސިން އުފުލުގައި އޮފިޝަލުން ހަރަކާތްތެރިވަނީ

އިންޑިއާގެ މަސައްކަތަށް އަސަރު ފޯރުން

އެސްއައިއައިއިން ވަނީ މިއަހަރުގެ މާޗް މަސް އަންނައިރު މަހެއްގެ މައްޗަށް 100 މިލިއަން ޑޯޒްގެ ވެކްސިން އުފައްދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އަދިވެސް މިއަދަދު އުޅެނީ 60-70 މިލިއަން ޑޯޒްއާ ދެމެދު މިންވަރެއްގައެވެ. ޖެނުއަރީ މަހުވެސް ހުރީ އެހާކަން ވަރަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާ ސަރުކާރުން ވެކްސިން ކެމްޕޭން ފެށީ ޖެނުއަރީ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 37 މިލިއަން މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އަދި މި ދަނޑިވަޅަކީ، ކޮވިޑް-19ގެ އިތުރު ރާޅެއްގެ އިންޒާރުގެ ރަނގަބީލު، އިންޑިއާގައި އަޅަމުން އަންނަ ދަނޑިވަޅެކެވެ.