ބައެއް ސްކޫލްތަކުގައި ހުރި އެޗްސީއެފްސީ 22 ގޭސް ބޭނުންކުރާ އޭސީތައް އޯޒޯން ފަށަލައަށް ގެއްލުން ނުދޭ ރެފްރިޖިރަންޓް ބޭނުންކުރާ އޭސީތަކަށް ބަދަލުކުރުމަށް، މިނިސްޓްރީ އޮފް އެންވާރަމަންޓް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ ޑރ. އާއިޝަތު އަލީއެވެ.

މި އެމްއޯޔޫއަކީ މިހާރު އެޗްސީއެފްސީ ގޭސް ބޭނުންކުރާ އޭސީތައް ބަދަލު ކުރުމަށްޓަކައި ނިއުޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އާ ދެމެދު ވެފައިވާ ފަހުނަމާއެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އޯޒޯން ފަށަލައަށް ގެއްލުންދޭ އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށްޓަކައި ދިވެހިރާއްޖެއިން އެއްބަސްވެފައިވާ ލަނޑުދަނޑިއަށް 2020 ވަނަ އަހަރު ވާސިލްވެފައިވާ ކަމަށެވެ. އަދި މިއަދު އެ ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ހިންގޭ ޕްރޮގްރާމްގެ ސަބަބުން މިހާރު ދިވެހިރާއްޖޭގައި އެޗްސީއެފްސީ ބޭނުންކުރާ އޭސީތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

2020 އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ އެއްބަސްވެފައެވެ. މިނިސްޓްރީން ބުނީ 2015 އަހަރުން ފަށައިގެން އެޗްސީއެފްސީ ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާކޮށްފައިވާ ކަމަށާއި އަދި މިހާރު ހުރި އެޗްސީއެފްސީ ބޭނުންކުރާ އާލާތްތަކަށް ބޭނުންވާ މިންވަރަށް އެޗްސީއެފްސީ އެތެރެކުރެވޭނީ 2025 ވަނަ އަހަރު ވަންދެން ކަމަށެވެ.