ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ކޮންޓެއިނާ ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ކޮންޓެއިނާ ޓްރާންޝިޕްމަންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މިއަދު ހުޅުވާލާފައި ވާ ކަމަށެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ރާވާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ، ޒަމާނީ ޓްރާންޝިޕްމަންޓް ބަނދަރެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމު ކުރުމަށް ރާވާފައި ވާއިރު، އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރުމުގެ ކެޕޭސިޓީ ގާއިމު ކުރުމަށް އަމާޒު ކޮށްފައި ވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ މިނިްސްޓްރީން ބުނެއެވެ.
ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައި ވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރު ކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށް ވުމާއެކު މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ގާއިމު ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދެއް ކަމުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރު ޓާމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިޔާ ސަރަހައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް އަދި މި ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެން ދާ ފުރުސަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މަޝްރޫއުގެ އިންފޯމޭޝަން މެމޮރެންޑަމް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ޓްރާންޝިޕްމަންޓް ބަނދަރެއްގެ ވާހަކަ އަކީ ރައީސް މައުމޫނުގެ ވެރިކަމުން ސުރެ ދައްކަމުން އަންނަ ވާހަކައެކެވެ.