ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ލަސްނުކޮށް ހުރިހާ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ވެކްސިން ޖަހަން ފެށި ފުރަތަމަ ދުވަސްކޮޅު ވެކްސިން ސެންޓަރު ތަކަށް ވެކްސިން ޖަހަން ދިޔަ މީހުންގެ އަދަދު ވަރަށް މަދެވެ. ގިނަ ދުވަސް ދުވަހު ސެންޓަރުތައް އޮންނަނީ ހުސްކޮށެވެ.
ނަމަވެސް މިމަންޒަރު ބަދަލުވީ މާދަމާގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ވާހަކަ އިއުލާނު ކުރުމާ ގުޅިގެންނެވެ. އެކަން އިއުލާން ކުރުމާ ގުޅިގެން ކޮވިޑް-19 ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވިއެވެ.
މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ކަން އިއުލާނު ކުރުމުގެ ކުރިން މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް އާންމު ކޮށް ވެކްސިން ޖަހާ މީހުންގެ އަދަދަކީ 2000 ގައެވެ. ނަމަވެސް ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ކަން އިއުލާނު ކުރުމާއެކު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5000 މީހުން އަންނަނީ ވެކްސިން ޖަހަމުންނެވެ.
އެގޮތުން އިއްޔެ މުޅި ރާއްޖޭގައި 9،770 މީހަކު ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 5859 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ 198،206 އަށް ވަނީ އަރާފައެވެ.
ހޯމަދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް މާލޭ ސަރަހައްދުގައި ދިނުން ހުއްޓާލާ އިރު މިދެދުވަހު ވެކްސިން ސެންޓަރުތަކުން ފެނިފައިވަނީ ތަފާތު މަންޒަރެކެވެ. އެގޮތުން ވެކްސިން ސެންޓަރުތަކުގައި ފަތިހުން ފެށިގެން ކިއުގައި ޖެހެން ފަށާއިރު ވެކްސިން ސެންޓަރުތައް ވަނީ ތޮއްޖެހި ފުރިފައެވެ. ގައި ދުރުކަމަށް ނުވިސްނާ އެންމެން ވެސް މި ވަނީ ވެކްސިން ޖެހޭތޯ ކިއު އަށް އަރާފައެވެ.
ވެކްސިން ޖަހަން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒަށް ގޮސް ތިބި މީހުންގެ އަދަދު އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. މަޖިލިސް ކައިރީގައި ހަދާފައިވާ ކިއު ވެސް އެހާމެ ދިގެވެ.
މާލޭ އެކަންޏެއް ނޫނެވެ. ހުޅުމާލެ އަދި ވިލިމާލެ ވެކްސިން ސެންޓަރުގެ ހާލުވެސް ހަމަ މިއީއެވެ.
ކިއުގައި ގިނަ އިރު މަޑުކުރަން ޖެހުމުން ގިނަ ބަޔަކު އެޗްފީއޭއަށް ފާޑު ކިޔާފައި ވާއިރު އެޗްޕީއޭ އިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވުމުން ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.
މާދަމާ އިން ފެށިގެން ވެކްސިން ޖެހުން ހުއްޓާލާނެ ކަމަށް ބުނެފައި ވީ ނަމަވެސް، 5 ކެޓަގަރީއެއްގެ މީހުންނަށް އެ ދުވަހުގެ ފަހުން ވެސް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ:
- ބަލިން ރައްކާތެރިވުމަށް ހާއްސަ އިސްކަމެއް ދޭ މީހުން (އުމުރުން ދުވަސް ވީ މީހުންނާއި، ބަލިތަކުގައި އުޅޭ މީހުން)
- ޕޮޒިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
- ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
- ރާއްޖެއިން ބޭރުން ދަތުރު ކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރު ކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން، އަދި
- ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުން މިއެވެ.
ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ، ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލްގައެވެ.