ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެކްސިން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑުން ގަތުމަށް ހާއްސަ ހުއްދައެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް ނިންމާ ނެރުނު ގަރާރެއްގައެވެ.

މިނިސްޓަރު އަމީރު ސޮއިކުރައްވައި ނެރުނު ގަރާރުގައި ބުނެފައި ވަނީ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގަރާރުގައި ބުނީ އެ ވެކްސިނަކީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައި ވާ ވެކްސިނަކަށް ވުމާ އެ ވެކްސިން ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމާއި އަދި އެ ވެކްސިން މުޅި ދުނިޔޭގަައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓް އުސޫލު ތަކެއްގެ ދަށުން ކަމަށް ވާތީ ކޮވިޑުން ރައްޔިތުން ރައްކާތެރި ކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާއަކަށް އަމަލުކުރުން މަޑުޖައްސާލަން ނިންމާފައި ވާއިރު، އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭނީ ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށް އެގަރާރުގައި ބުނެއެވެ.

އޭގެ އިތުރުން އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށާއި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބެލުމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.