ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒަށް މިއަދު ގިނަ ބަޔަކު ވެކްސިން ޖަހަން ގޮސްފައި ވާއިރު އެ ސަރަހައްދު ތަކުގައި ކިއުގައި ތިބި މީހުންގެ ދެމެދުގައި ގައިދުރު ކަމެއް ނެތެވެ.
މިމަހު 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ވާހަކަ އިއުލާނު ކޮށްފައި އޮތުމުން، މި ހަތްފާގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހަން ގޮސްފައެވެ. ހާއްސަކޮށް މިއަދު ގިނަ ބަޔަކު ވަނީ ވެކްސިން ޖަހަން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒަށް ގޮސްފައެވެ.
މިއަދު އާދަޔާ ހިލާފަށް ކިޔޫ ދިގު އިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯ އަދި ޕޮޓޯތަކުން ފެންނަ ގޮތުގައި ވެކްސިން ޖެހުމަށް ގޮސްތިބި އެމީހުންގެ ދެމެދުގައި އެއްވެސް ގައިދުރު ކަމެއް ނެތެވެ. އެންމެސް ވެސް ތިބީ އެކަކު އަނެކަކާ ޖެހޭ ނުޖެހޭ ވަރުގައެވެ.
އެއްބަޔަކު މާސްކު ނަގައިގެން ވެސް އެސަރަހައްދުތަކުގައި ތިބި މަންޒަރު ފެނެއެވެ.
ކިއުގައި ގިނަ އިރު މަޑުކުރަން ޖެހުމުން ގިނަ ބަޔަކު އެޗްފީއޭއަށް ފާޑު ކިޔާފައި ވާއިރު އެޗްޕީއޭ އިން ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވުމުން ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.
ވެކްސިން ޖަހަން ކިޔޫ ހެދި މީހުންގެ އަދަދު ގިނަވުމާ ގުޅިގެން އެޗްޕީއޭއިން ވެކްސިން ކިޔޫ މިއަދު ވަނީ 03:30 ހާއިރު ބަންދު ވެސް ކޮށްފައެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އަންނަ މަހުއެވެ.
ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ.
އެގޮތުން މިހާތަނަށް ޖުމްލަ 175،456 އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ސަރުކާރުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކަމާއެކު ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.