ރާއްޖޭގައި ކުރިޔަށްގެންދާ ކޮވިޑް ވެކްސިން ޕްރޮގްރާމަށް ޖަޕާނުން 15.9 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.

ޔުނިސެފުން ބުނީ މި އެހީގެ ދަށުން ކޮވިޑް-19 ވެކްސިން ރައްކާތެރި ކުރުމަށް ބޭނުން ކުރެވޭ އާލަތްތަކުގެ ތެރޭގައި ޑްރައި އައިސް އުފައްދާ މެޝިނާއި ވޯކް އިން ފްރީޒާސް އާއި އައިސް-ލައިންޑް ރެފްރިޖަރޭޓާސް އާއި މި ތަކެތި އިންސްޓޯލް ކުރުމަށް ބޭނުންވާ ލޮޖިސްޓިކަލް ސަޕޯޓުވެސް ފޯރުކޮށް ދޭނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށް ޓެކްނީޝަނުން ގެ ކެޕޭސިޓީ ސީސީއީ (ކޯލްޑް ޗެއިން އިކުއިޕްމަންޓް)ގައި ވަރުގަދަކުރުމާއި، ސިއްހީ ދާއިރާގެ ސްޓާފުންގެ ކެޕޭސިޓީ ވަރުފަދަކުރުން ވެސް މި އެހީގެ ދަށުން ހިމެނޭ ކަމަށް ޔުނިސެފުން ބުނެއެވެ.

ހަމައެހެންމެ ވެކްސިން މެނޭޖުކުރުމުގައި ކޯޑިނޭޝަން އަދި ލަފާދިނުމުގެ މަސައްކަތުގެ އިތުރުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް ޔުނިސެފުން ބުނެފައެވެ.

ޖަޕާނު ސަރުކާރުން ރާއްޖެއަށް އަންނަނީ ކޮވިޑް އިން ސަލާމަތްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އެހީއެއް ޖަޕާނުން ވަނީ ދީފައެވެ. އަދި ޖަޕާނުން ވަނީ ދިވެހި ސަރުކާރަށް 47.5 މިލިއަން ޑޮލަރުގެ އެމަޖެންސީ ސަޕޯޓް ލޯނު ވެސް ދީފައެވެ.