މާލެ ސަރަހައްދުން މިއަދު 98 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓުކޮށް މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 115 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 98 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 12 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 5 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 115
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 165
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 21،034
  • ކޮވިޑް އެކްޓިވް ކޭސް: 2535
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 18،428
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 64

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައި ވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހު މަރުވި މީހުންގެ އަދަދު 10 އަށް އަރާފައި ވާއިރު މި މަހު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2 އަށް އަރާފައެވެ. އެހެން ކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 64 އެވެ. އެއީ 57 ދިވެހިންނާއި 7 ބިދޭސީންނެވެ.

މި މަހުގެ ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ