އަންހެނުންގެ ދުވަހާ ދިމާކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރާ ހުރިހާ އަންހެން މުވައްޒަފުންނަށް، ކޮންމެ މަހަކު އެއް ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށް އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަނާ ގުޅިގެން އޮންލައިންކޮށް ހާއްސަ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިއަދު ކުރިއަށް ގެންދިޔަ ޝެޝަންގައި އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުގެ އިސް ނެންގެވުމަށް ވަނީ "ކަނބަލުންގެ ޗުއްޓީ" ގެ ނަމުގައި ހާއްސަ މެޑިކަލް ލީވްއެއް ދޭން ނިންމާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެން ގެނައި މި ބަދަލާ އެކު އެ ކުންފުނީގައި މަސައްކަތް ކުރާ ކޮންމެ އަންހެން މުވައްޒަފަކަށް ވެސް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގައި މިވަގުތު 166 އަންހެން މުވައްޒަފުން މަސައްކަތް ކުރެއެވެ. އެޗްޑީސީއަކީ މިފަދަ ގޮތަކަށް އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކޮންމެ މަހަކު ހާއްސަ ޗުއްޓީއެއް ދޭން ނިންމި ފުރަތަމަ ކުންފުންޏެވެ.