މި އަހަރުގެ އަންހެނުންގެ ދުވަސް، ކޮވިޑް-19އާ ދެކޮޅަށް ކުރަމުން ދާ މަސައްކަތުގައި ޝާމިލްވާ އަންހެނުންނަސް ހާއްސަކޮށްފިއެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ، "އިސްސަފުގައި އަންހެނުން، ކޮވިޑް-19ގެ ދުނިޔޭގައި ހަމަ ހަމަ މުސްތަގުބަލެއް ހޯދުން" މިއެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެގެ އަންހެނުންގެ ހާލަތު ބަޔާންކުރައްވާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ މިއަހަރުގެ ޝިއާރު ރާއްޖެއަށް މުހިންމު ވާ ސަބަބު ތަފްސީލީ ގޮތެއްގައި ކިޔައި ދެއްވާފައެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދޭން ޖެހުނު ތަފާތު ހިދުމަތްތައް ދިނުމުގައި އަދި ފްރޮންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރި ފުރަތަމަ 6 މަސް ދުވަހު ގާތްގަނޑަކަށް 24 ގަޑިއިރު، ވަރުބަލި ކަމެއް ނެތި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ.

ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ / ފޮޓޯ: ދަ ޕްރެސް

ހަމައެއާއެކު މިއަދާ ހަމައަށް ވެސް އެޗްޕީއޭގެ ޑިރެކްޓާ އަދި އެތަނުގައި ތިއްބެވި އިސް އަންހެން ބޭފުޅުން މި އާލަމީ ވަބާއިން ގައުމު ރައްކާތެރިކުރުމަށް ކުރައްވަމުން ދާ މަސައްކަތް، މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިފަދަ އެތައް އަންހެން ބޭކަނބަލުން މިއަދު ފާހަގަ ކޮށްލަން ޖެހޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ނަރުހުންނާއި، ޑޮކްޓަރުންނާއި އާރްއާރްޓީގައި މަސައްކަތް ކުރަމުންދާ އަންހެނުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ވެމްކޯގެ އަންހެން މުވައްޒަފުން ފާހަގަ ކުރައްވާ މިނިސްޓަރު އައިޝާ ވިދާޅުވީ، އެއީ މި ބަލިމަޑުކަމުގެ ހާލަތުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށް ދިނުމަށް ރެއާ ދުވާލު، އެންމެ ފްރޮންޓްލައިންގައި އެންމެ ބުރަކޮށް މަސައްކަރް ކުރަމުންދާ މީހުން ކަމަށެވެ. ރޭގަނޑިގެ ނިދި ނަގާލާ، އެމީހުން ދެމުންދާ ހިދުމަތަކީ މި އަހަރުގެ ޝިއާރު ވަރަށް ރަނގަޅަށް ރަމްޒު ކޮށްދޭ ޝުކުރު ހައްގު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެމްކޯގެ އަންހެން މުވައްޒަފުންތަކަކާ ރައީސް ސޯލިހް ވާހަކަ ދައްކަވަނީ

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ފުރަބަންދުގެ ސަބަބުން ގޭތެރޭގެ މަސައްކަތުގެ އިތުރުން އިގްތިސޯދީ ގޮތުން އަންހެނުން ކުރަމުން އައި މަސައްކަތް އިތުރު ވެގެން ދިޔަ ކަމަށެވެ. އެގޮތުން ކުދިންނށް ކިޔަވައި ދިނުމަށް އައި ބަދަލާ ގުޅިގެން އޮންލައިންކޮށް ކުދިންގެ ކިޔެވުން ބެލެހެއްޓުމާއި، މި އާ ނިޒާމުގެ ތެރެއިން ކުދިންނަށް ފޯރުކޮށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް އަންހެނުން އިސް ދައުރެއް އަދާ ކުރަމުން ދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގޭގައި ބަންދުވެ ތިބެން ޖެހުމުން ގޭތެރޭގެ މަސައްކަތް ކުރުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ފިރިހެނުންގެ ދައުރު އިތުރު ވެގެން ދިޔަކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އައިޝާ ވިދާޅުވީ، ރާއްޖޭގައި ވެސް އަންހްނުން ލީޑާޝިޕަށް އައުމަށް ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ބަސް ބުނުމަށް ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި އަންހެނުންގެ ވެސް ގޮންޖެހުންތަކެއް ކަމަށެވެ. އަދި އެ ގޮންޖެހުންތައް ބިނާވެފައިވަނީ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ދައުރާ މެދު ޒަމާނުއްސުރެ މުޖުތަމައުގެ ތެރޭގައި ހުރި ވިސްނުންތަކާއި، ދެކޭ ގޮތުގެ ސަބަބުން ކަމަށެވެ. މިނިސްޓަރު އައިޝާ ވިދާޅުވީ ގައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، އަދި ދެ ޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިގްރާތީ ނިޒާމުގައި ހެޔޮ ވެރިކަމެއްގެ ސިފަ ޖެހި މުޖުތަމައުގެ ހަމަޖެހުން ގާއިމް ވެގެން ދާނެ ކަމަށެވެ.