އިންގްލިޝް ޕްރިމިއާ ލީގުގައި ބާންލީއާއި އާސަނަލް މިރޭ ވާދަކުރި މެޗު 1-1 އަކުން އެއްވަރު ވެއްޖެއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މިމެޗުގެ 6 ވަނަ މިނެޓްގައި ލަނޑު ޖަހާ ލީޑު ނެގީ ފާހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އާސަނަލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ޕިޔޭ އެމެރިކް އޮބަމިޔޭންގެވެ.

ފުރަތަމަ ހާފްގައި އާސަނަލްގެ ލީޑު ފުޅާ ކުރާނެ ފުރުސަތު އެޓީމަށް ލިބުނު އިރު އޮބަމިޔޭންގް އަދި ފޯވަޑް ބުކަޔާކޯ ސާކާ ވެސް ވަނީ ލިބުނު މުހިންމު ދެ ފުރުސަތެއް ވަނީ ނަގާލާފައެވެ.

ނަތީޖާއަކަށް ވީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާންލީއެއް ލަނޑެއް ޖަހާ ސްކޯ އެއްވަރުކުރުމެވެ. މި ލަނޑު ބާންލީ އަށް ޖެހުނީ އާސަނަލްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި އެޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯހަކުންނެވެ.

މި ގޮތުން ޕެނަލްޓީ އޭރިއާއަށް އައި ބޯޅައެއް އާސަނަލްގެ ކީޕަރު ލެނޯ ވަނީ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރި މިޑްފީލްޑަރު ޖަކާއަށް ޕާސްކޮށްފައެވެ. އެހިސާބުން ބޯޅަ އޭރިއާގެ ބޭރަށް ފޮނުވާލުމުގެ ބަދަލުގައި ޖަކާ މަސައްކަތް ކުރީ އޭރިއާގެ އަނެއް ކޮޅުގައި ހުރި ޑޭވިޑް ލުއީޒްއަށް ޕާސްކުރުމަށެވެ. އެހެން ނަމަވެސް، އޭނާ މަޑު މަޑުން ޖައްސާލި ބޯޅަ ބާންލީގެ ފޯވަޑް ކްރިސް ވުޑްގެ ބަނޑުގައި ޖެހުމަށް ފަހު ވަނީ ގޯލަށެވެ.

ދެވަނަ ހާފްގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލާތައް އުފެއްދި އިރު މެޗުގެ ލީޑު ނަގާނެ ދެ ފުރުސަތެއް ބާންލީއަށް ލިބުނެވެ. އެހެން ނަމަވެސް އާސަނަލްގެ ކީޕަރު ލެނޯ ވަނީ މޮޅު ކުޅުމެއް ދައްކާ މުހިންމު ދެ ސޭވެއް ކޮށްފައެވެ.

މެޗު ނިމެންދަނިކޮށް އާސަނަލްއަށް ޕެނަލްޓީއެއް މެޗުގެ ރެފްރީ ދިނެވެ. ބާންލީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ އެރިކް ޕީޓާސް ގަސްތުގައި އަތުން ބޯޅައިގައި ޖެހި ކަމަށް ނިންމާ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ އާސަނަލްއަށް ޕެނަލްޓީއެއް ވެސް ދީފައެވެ.

އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ އެފައުލްގެ ރީޕްލޭ ބެލުމަށް ފަހުން ނިންމީ ޕީޓާސް ގަސްތުގައި އަތުގައި ބޯޅަ ނުޖައްސާ ކަމަށާ އެހެން ކަމުން ޕެނަލްޓީއެއް އާސަނަލް އަށް ދޭން ނުޖެހޭނެ ކަމަށެވެ. އަދި ޕީޓާސްއަށް ދެއްކި ރަތް ކާޑު ވެސް ބަދަލުކުރިއެވެ.

މެޗުން މޮޅުވާން އާސަނަލްއަށް އިތުރު ދެ ފުރުސަތު ލިބުނު ނަމަވެސް އެންމެ ފަހު ވަގުތު ކެލަމް ވިލްސަން ޖެހި ޝޮޓު ވަނީ ދަނޑީގައި ޖެހި ބޭރަށް ނިކުމެފައެވެ.

މިމެޗުން އެއްވަރުވެ ބާންލީ މިހާރު ވަނީ ތާވަލުގެ 15 ވަނަ އަށް ޖެހިލާފައެވެ.

އަދި އާސަނަލްއިން މިމެޗުން 2 ޕޮއިންޓް ގެއްލުނު އިރު ގަދަ ހައަކަށް އެރުމަށް އެޓީމުން ކުރަމުން އަންނަ މަސައްކަތްތަކަށް މިވަނީ އިތުރު ހުރަހެއް ކުރިމަތިވެފައެވެ.

އާސަނަލް މިހާރު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ.