ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފަައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު އުވާލާ، މޮނިޓަރިންގެ މުއްދަތު މިމަހު 15 އާ ހަމައަށް އިތުރު ކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ރޭ ފުވައްމުލަކު އެމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުވައްމުލަކު ސިޓީން މިހާނަތަށް ޖުމްލަ 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ފުވައްމުލަކުގައި މިވަގުތު ކޮވިޑްގެ 17 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 34 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ނުދާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ އުތުރު ދާއިރާގެ ކައުނސިލް މެންބަރު ހަމަދު އަބްދުﷲ ވިދާޅުވީ ކާފިއު އުވާލި ނަމަވެސް އެ ރަށުގައި އެޅިފައިވާ ބައެއް ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށާއި، އޭގެ ތެރޭގައި ސިޓީގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ނުބޭއްވުމާއި ޖިމްތަކާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ނުހިންގުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން އެރަށުގައި ހުންނަ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަދު ވިދާޅުވީ މިހާރު ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި އަދި ސެލޫންތަކުން ވެސް މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިތުރު ލުއިތައް ދިނުމާ ގުޅޭގޮތުން މިއަދު ހަވީރު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.