މަސްތުވާތަކެތި ވަބާއިން އަރައިގަތުމަށް މިހާރު ކުރަންޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ނިންމުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމަށް ސަރުކާރުން ބާއްވާ ހާއްސަ ހަރަކާތް، "ޖަޒީރާ ސައްލާ" ގެ ދެވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ އެޕިސޯޑުގެ މައުޟޫއަކީ މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމެވެ. އެގޮތުން މިއަދު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރެވޭނެ މަސައްކަތާ ގުޅިގެން ޖެންޑާ މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްލެއް ހޯދާ ނަމަ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވަބާގައި ޖެހިފައިވާ ގިނަ މީހުންނަށް ފަރުވާ ދީފައި މުޖުތަމައުއަށް ދޫކޮށްލި ކަމުގައި ވިޔަސް ރައްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެވާ ކަމަށާއި އެ ވިއްކުމަށްޓަކައި ވިޔަފާރީގެ އުސޫލުން ބަޔަކު މަސައްކަތް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުން ނުހުއްޓުވޭ ކަމަށް ވާ ނަމަ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ގޮންޖެހުނަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު މި ކަންކަމަށް ހައްލެއް ހޯދައި ދެވޭނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝަރީއަތާ ހަމައަށް ގޮސްފައިވާ މައްސަލަތައް އަވަހަށް ނިންމައި ފިޔަވަޅު އެޅިގެން ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ޖަޒީރާ ސައްލާގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝާކިރު (މ) ވާހަކަ ދައްކަވަނީ

ޖަޒީރާ ސައްލާގައި މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝާކިރު ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ނެޓްވޯކްތަކަށް ބަލައިގެން ގާތްގަނޑަކަށް 200 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި 800 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި ޑްރަގް ޓްރެފިކް ކުރާ 12 ވަރަކަށް ނެޓްވޯކަށް ވުރެ ގިނަ ނެޓްވޯކް އެކި އޮޕަރޭޝަން ތަކުން ނެގިފައިވާ ކަަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ފަދަ މައްސަލަތަކުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ މައްސަލަތައް އެ ދާންޖެހޭ ސްޕީޑުގައި ނުދިއުން އޭނާ ފާހަގަ ކުރެއްވިއެވެ. ވޭތުވެދިޔަ 3 އަހަރުތެރޭ ޑްރަގް ޓްރެފިކިންއާ ގުޅިގެން 209 މައްސަލައެއް ހުށަހަޅާފައި ވާ އިރު މިދިޔަ ޖޫންމަހުގެ ނިޔަލަށް އޭގެތެރެއިން 21 މައްސަލައެއް ކޯޓުން ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ ތަކުގެ ތެރެއިން 8 މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވާ އިރު، ސާބިތުނުވާ މައްސަލަތަކުގެ ތެރެއިން މިހާރު 9 މައްސަލައެއް ޕީޖީން ވަނީ އިސްތިއުނާފް ކޮށްފައި ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާ 209 މައްސަލައިގެ ތެރެއިން ކުރިއަށް ނުދާ ބޮޑެތި ބައިވަރު މައްސަލަތަކެއް އެބަ ހުރި ކަމަށް ޝާކިރު ފާހަގަ ކުރެއްވިއެވެ.