ގއ. ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެމީހާ ކަރަންޓީނުގައި ހުރިއިރު ބަޔަކާ ބައްދަލުވެފައިވާ ކަމަށް ބެލެވޭތީ ބަލަންޖެހޭ ކަންތައް ބެލުމަށް ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެސް ދެއްވަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ދެއްވަދޫން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލި ފަހުން ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ދެއްވަދޫ އެ ކްލަސްޓާއާ ގުޅިގެން 85 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ދެއްވަދޫ އިން ޕޮޒިޓިވީ 69 މީހުންނެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ އަތޮޅު ވިލިނގިލި އައި ދާންދޫ އާއި ލ. ފޮނަދޫ އަދި ހުޅުމާލެއިން ވަނީ ކޭސްތަކެއް ފެނިފައެވެ.
ރާއްޖޭގައި ކޮވިޑް ކޭސް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އިއްޔެ ވަނީ 186 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 152 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 23 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 10 މީހަކާއި ލިވަބޯޑުން މީހަކާއި ތަރައްގީ ކުރަމުންދާ ރިސޯޓުތަކުން 6 މީހެކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 19،979 އަށް ވަނީ އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 17،343 އަށް ވަނީ އަރާފައެވެ.
ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައިވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި ފެބްރުއަރީ މަހު މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އެހެންކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 62 އެވެ. އެއީ 55 ދިވެހިންނާއި 7 ބިދޭސީންނެވެ.
އެގޮތުން މިހާތަނަށް މި ބަލީގައި މަރުވި 62 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި މަހު ރާއްޖެއިން ބޭރުގައި ހުރި ދިވެއްސަކުވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެއީ ދުބާއީއަށް ޗުއްޓި ހޭދަކުރަން ދިޔަ އުމުރުން 38 އަހަރުގެ ދިވެހި ފިިރިހެނެކެވެ.