ކޮވިޑް ރޯގާއިން އަރައިގަތުމަށް ރާއްޖޭގައި ވެކްސިން ޖަހަމުންދާ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 20 އަހަރުން މަތީގެ އެންމެނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހަން ނިންމައިފިއެވެ.

މި ކަން އިއުލާންކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައެވެ. އުމުރުން 20 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައި ވާއިރު މިހާރު އުމުރުން 25 އަހަރުން މަތީގެ މީހުންނާއި އުމުރުން 25 އަހަރާއި 18 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ބައްޔަށް ބޭސް ކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

ރާއްޖެެއިން މިހާތަނަށް 105،492 މީހުން ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދު 72،872 މީހުން އަދި އަތޮޅު ތެރެއިން 32،620 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.

މިހާރު ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.