ށ. މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ވިދާޅުވީ މާލެއިން އެރަށަށް ދިޔަ މީހަކު، ކަރަންޓީނު މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފާއިޒު ވިދާޅުވީ އެމީހާ ކަރަންޓީނުގައި ހުރި އިރު ގައިޑްލައިންތަކާ ހިލާފުވެފައިވާ ކަމަށް ރަށު ތެރޭގައި ވާހަކާ ދެކެވޭ ކަމަށާއި އަދި އޭނާ ކަރަންޓީނުވެ ހުރި ގޭގައި ދިރިއުޅޭ މީހުންނާ ވެސް ކޮންޓެޓް ވެފައިވާ ކަމަށް އަޑު ފެތުރިވައިވާ ކަމަށެވެ. އެހެން ކަމުން އެޗްޕީއޭއިން އެރަށް މޮނީޓަރިންނަށް ލާފައިވާ ކަމަށެވެ.

މި ކޭސް އާ ގުޅިގެން އެމީހާގެ ކޮންޓެކްޓުން ގޮތުގައި ފާހަގަ ކުރެވިފައިވާ މީހުންގެ ސާމްޕަލް ނެގުމަށް ފަހު މިހާރު ފޮނުވާފައި ވާ ކަމަށް ފާއިޒު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް މިލަންދޫ އިން ވަނީ ޕޮޒިޓިވް ކޭސްތައް ފެނުމާ ގުޅިގެން މޮނިޓަރިން އަށް ލާފައެވެ.

ރާއްޖޭގައި ކޮވިޑް ކޭސް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު އިއްޔެ ވަނީ 184 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 145 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 10 މީހަކާއި ހިންގަމުން ދާ ރިސޯޓަކުން 24 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން 5 މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 19،346 އަށް ވަނީ އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 16،838 އަށް ވަނީ އަރާފައެވެ.

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ވަނީ މަރުވެފައެވެ. އަދި މި މަހު 9 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މީގެ ތެރޭގައި މި މަހުގެ 17 ވަނަ ދުވަހު ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.