މާލެ ސަރަހައްދުގެ ތޮށް ޖެހުން ކުޑަ ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާންކޮށްފައިވާ 300 މިކްސްޑް ހައުސިން ޔުނިޓަށް ކުރިމަތިލި ތިން ކުންފުންޏަކަށް ކޮންޑިޝަނަލް ސިޓީ ދީފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ޑިމާންޑް އޮތް ގޮތަކަށް ބެލުމަށްފަހު 355 ހައުސިންގް ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިއުލާން ކޮށްފައި ވާނެ ކަމަށެވެ. އޭގެތެރެއިން 300 ޔުނިޓް އެޅުމަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ކުންފުންޏަކަށް ކޮންޑިޝަނަލް ސިޓީގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބާކީ 55 ޔުނިޓް ތަރައްގީ ކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް ނިމިފައި ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަން ފާހަގަކުރަމެވެ.
300 ހައުސިން ޔުނިޓަށް އެންމެ ދަށް އަގަށް ބިޑް ހުށަހެޅި ކުންފުނިތަކަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (11443 LOT)، އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗާ (11445 LOT) އަދި އެސް.ޖޭ ކޮންސްޓްރަކްޝަން (10958 LOT) ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1،800 ރުފިޔާއެވެ. އަދި އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗާ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2,185 ރުފިޔާއެވެ. މީގެ އިތުރުން އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 1,987 ރުފިޔާއެވެ.
މެދު އަދި މަތީ ފަންތީގެ ގެދޮރުވެރި ކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިން ވެސް ހުޅުމާލޭގައި ވަނީ ހިންގާފައި ކަމަށް އެޗްޑީސީން ބުނެއެވެ. މިމަޝްރޫ ވެގެން ދާނީ މި ގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެންމެ ކުޑަ އަގުގައި ހުޅުވާލެވިގެން ދާނެ ފަހަރެއް ކަމުގައި އެކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށް ބުނެއެވެ.
އާންމުންނަށް ކުޑަ އަގެއްގައި ހައުސިން ޔުނިޓް ލިބިގެންދާނެ ކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ޕްރޮޖެކްޓަކުން ވެސް 60 ޕަސެންޓް ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެންމެ ކުޑަ އަގަށް އިމާރާތް ކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް ވަނީ އަނގާފައި ކަމަށް އެޗްޑިސީން ބުނެއެވެ. އަދި އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާންމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއި ކުރުމަށް ވެސް ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެންމެ ދަށުން އަގު ހުށަހެޅި ތިން ކުންފުނި ކޮންޑިޝަނަލް ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަޝްރޫއާ ބެހޭ މައުލޫމާތު އެ ކޯޕަރޭޝަންގެ "މައި ހުޅުމާލޭ ޕްރޮޕަޓީސް" ވެބް ސައިޓުން ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.