އައްޑޫގައި ހިންގާ ފްލައިންގް ސްކޫލް ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ (އޭއޭއޭ)ގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ އެސްކޫލްގެ ދަރިވަރުންގެ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭއޭއޭއިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށެވެ.
އަދި އޭއޭއޭގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިންކަމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.
މީގެ އިތުރުން އެ ކޮމިޓީން ވަނީ ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި ގައުމުގެ އިގްތިސާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއްކަމަށްވީ ހިނދު، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިިންގޭނެ މަގު ވީ އެންމެ އަވަހަށް ފަހިކުރުމަށްވެސް ހުށަހަޅާފައެވެ.
މަޖިލީހުގެ ކޮމެޓީން ބަދަލު ހޯދައިދޭން ފާސްކޮށްފައި ވާއިރު، ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން ވަނީ އެ ކަމުގެ ޝަކުވާވެސް ކޮށްފައެވެ.
އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ. މީގެ އިތުރުން ދަރިވަރުން އަތުން އެ އެކަޑަމީއަށް ނަގާ ފީ ޑޮލަރުން ދައްކަންޖެހޭ މައްސަލަ އަކީ ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މި މައްސަލަތައް ފެންމަތިވެ ހައްލެއް ނުގެނެވި އުލޭނިކޮށް ދަރިވަރުން ސްކޫލުން ކަނޑާލާ ކަމުގެ ޝަކުވާތައް އައިސް ރައްޔިތުންގެ މަޖިލީހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.
އެގޮތުން ފްލައިން ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފްލައިން ސްކޫލްގެ މެނޭޖްމަންޓާއި އެ ސްކޫލުގެ ދަރިވަރުންނާއި އަދި އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އެ ސްކޫލުން ބުނެފައި ވަނީ މި ވަގުތު އެ ސްކޫލުގައި 173 ދަރިވަރުން ތިބި ކަމަށާއި މި ވަގުތު 100 އެއްހާ ދަރިވަރުން ސްކޫލުން ވަކިކޮށްގެން މެނުވީ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ދިމާ ދަތިތަކުގެ ތެރޭގައި އިންސްޓްރަކްޓަރުން މަދުކަން ފާހަގަކޮށްފައި ވާއިރު ދެން އެ ސްކޫލުން ބުނެފައި ވަނީ ރަނގަޅަށް ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާ ދަރިވަރުން މަދުކަމަށެވެ.
ފްލައިން ސްކޫލުގެ މައްސަލައަކީ ފެށުނީއްސުރެ ވެސް އޮތް މައްސަލަތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކު ވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.