މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖެހުން އެންމެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންދާ ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާނެ މީހަކު ނުވެ އަނެއްކާވެސް "ހުސް" ވެއްޖެއެވެ.

ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާ މީހުންގެ އަދަދު މަދު ވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރާތާ މިވަނީ 3 ދުވަހެވެ. އެތަނުގައި މަސައްކަތް ކުރާ މީހުންނާއި، ވެކްސިން ޖަހަން ދާ މީހުން ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުން ފެންނަނީ ގޮނޑިބަރިތައް ހުހަށް ހުންނަ ތަނެވެ.

ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާ މީހުންގެ އަދަދު މަދުވެފައި ވާއިރު، މިހާރު ވެކްސިން ޖަހަން ހުޅުވާލާފައި ވަނީ އުމުރުން 30 އަހަރުން މަތީގެ މީހުންނަށެވެ. ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ބައެއް ޕޯސްޓުތަކަށް ބަލާލާއިރު، ގިނަ ބަޔަކު ވެކްސިން ޖަހަން ދާން ތިބީ ބުރާސްފަތި ދުވަހެވެ. އެއީ ވެކްސިން ޖެހުމުގެ ސަބަބުން ހުން އައުން ފަދަ އަލާމާތްތައް ފެންނާތީ، އެ ފަދަ އަލާމާތްތަކާއެކު އޮފީހަށް ނުވަތަ މަސައްކަތަށް ނުނިކުތުމަށެވެ.

ހަމައެއާއެކު ބައެއް މީހުން ތިބީ، މަސައްކަތުގައި އުޅެމުން ވެކްސިން ޖަހަން ގޮސް ދިގު ކިއު އެއްގައި ޖެހިގެން ތިބުން ދަތި ވާތީ، މަސައްކަތް ނިންމުމަށްފަހު ވެކްސިން ޖަހަން ދާށެވެ. ނަމަވެސް ފާއިތުވި 3 ދުވަހު ވެސް ސޯޝަލް ސެންޓަރުގެ ކިއު އަށް ބަލާލާނަމަ، މަސައްކަތުގައި ހުރުމަށްފަހު މެންދުރުގެ ކެއުމަށް ބްރޭކް ނަގާ ގަޑީގައި ވެސް ގޮސް ވެކްސިން ޖަހާ ލެވޭނެއެވެ.

މިހާރު ވެކްސިން ޖެހުމަށް ހުޅުވާލާފައި ވަނީ އުމުރުން 30 އަހަރުން މަތީގެ މީހުންނާއި، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ހައި ރިސްކު މީހުންނަށެވެ. އެޗްޕީއޭގެ ތަފްސާހިސާބުތަކަށް ބަލާއިރު އިއްޔެއާ ހަމައަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 80،000 އިން މައްޗަށް އަރާފައެވެ.