ޕީޕީއެމް ޕާޓީ އޮފީސް ދޮރުމަތިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރު ކުރީ ގެއަށް ވަޑައިގަންނަވަން ޕާޓީ އޮފީސް ދޮރުމަތިން ނިކުން ވަގުތު ކަމަށެވެ.
އަދުރޭ ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ
އަދުރޭ ހައްޔަރުކޮށްފައިވާއިރު އިދިކޮޅުން އަންނަނީ މިފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މަގުމަތީ އިހްތިޖާޖްތައް ކުރަމުންނެވެ.
އެ ކޯލިޝަންގެ ސިލްސިލާ އެއްވުންތަކާއި އިހުތިޖާޖުތަކަކީ ސުލްހަވެރި އިހުތިޖާޖު ތަކެއް ކަމަށާއި އިހުތިޖާޖުތައް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ އުސޫލުތަކާ ހިލާފަށް އެއްވުންތައް ބާއްވާ ނުވަތަ އެ އެއްވުންތަކުގައި ބައިވެރިވާ މީހުންނާމެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ފުލުހުންގެެ އިސްވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފު ވިދާޅުވީ އެފަދަ މީހުންނާ މެދު ވަގުތުން އަޅާނެ ފިޔަވަޅަކީ، އެއްވުންތައް ރޫޅާލުން ކަމަށާއި، ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރެވެން އޮތް އެންމެ ކުޑަ މިންވަރަކަށް ބާރުގެ ބޭނުން ވެސް ކުރާނެ ކަމަށެވެ.