ދޭދޭ މަޝްވަރާތައް ފަށާ، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފްތައް އުވާލުމަށް ޗައިނާއިން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައްވަމުން ޗައިނާގެ އިސް ޑިޕްލޮމެޓް، ވޭންގް ޔީ ވިދާޅުވީ، މިއީ އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި ހީނަރުވެފައިވާ ދޭދޭ ގުޅުން ހެޔޮ ފާލަކަށް އެޅުވުމަށް މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ވިދާޅުވީ، ޓްރަމްޕްގެ ވެރިކަމުގައި ތަންފީޒު ކުރެއްވި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއަށް ލިބޭ ގެއްލުން ވަޒަންވެސް ކުރެވެން ނެތް ކަމަށެވެ. އަދި ޗައިނާގެ މުދަލާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ތާކުންތާކު ނުޖެހޭ ފިޔަވަޅުތައް އުވާލުމަށްވެސް ވޭންގް ވަނީ، މި ރޫހުގައި ގޮވާލައްވާފައެވެ.

ވިޔަފާރީގެ އިމުގެ ބޭރުންވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ޗައިނާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކޮށްފައެވެ. އެގޮތުން، ޗައިނާގެ ދަރިވަރުންނާއި ރިސާޗު ޓީމުތަކަށްވެސް އެމެރިކާއިން ހުރަސް އެޅިއެވެ.

ވޭންގް ވިދާޅުވީ އެމެރިކާގެ އާ ރައީސް ބައިޑަންއާއި، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ދެމެދު ދާދި ފަހުން ކުރިއަށް ގެންދެވި ފޯނު ކޯލަކީ ކުރިއަށް އެޅުނު، އެދެވޭ ފިޔަވަޅެއް ކަމަށެވެ.

މިމަހު ކުރީކޮޅު ޝީއާ ފޯނުން ގުޅުއްވާ، ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ސަރުކާރާ ގުޅިގެން އެމެރިކާގެ އަދުގެ ސަރުކާރުގައި ހުރި ކަންބޮޑުވުންތައް، ބައިޑަން ހިއްސާ ކުރެއްވި ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޗައިނާއިން އަމަލުތައް ބަހައްޓާ ހުދުމުހުތާރު އުސޫލުތަކާއި، ހައްގުތަކަށް އަރައިގަންނަމުންދާ ދިއުމުގައި އެމެރިކާގައި އޮތް ކަންބޮޑުވުންތައް ބައިޑަން ވަނީ ޝީއާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން، ވޭންގް ވަނީ، ޗައިނާގެ ދާހިލީ ކަންކަމަށް އިހުތިރާމް ކުރުމަށްވެސް އެމެރިކާގެ ސަރުކާރަށް ގޮވާލައްވާފައެވެ.

ބައިޑަންގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ ނަތީޖާ ނެރެވެނިވި އުސޫލުތަކުން ސިޔާސަތުތައް ބައްޓަން ކުރުމަށް ކަމަށް ވައިޓްހައުސް އިން ބުނެއެވެ. ޗައިނާއާއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކަކީ ބައިޑަން ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކެއް ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވަނީ އިޝާރާތް ކުރައްވާފައެވެ.