ފުޓުބޯޅަ ސްޓޭޑިއަމެއް ވަރުގެ ބޮޑު ގިނިހިލައެއް، މިއަދު ދުނިޔެއާ ދިމާއަށް ދަތުރު ކުރާނެ ކަމުގެ އިންޒާރު، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ދީފިއެވެ.

"2020 އެކްސްޔޫ 6"ގެ ނަން ދީފައި ވާ މި ގިނިހިލައިގެ ބޮޑު މިނަށް ބަލާއިރު، އެމެރިކާގެ ސްޓެޗޫ އޮފް ލިބަޓީއާއި އިނގިރޭސިވިލާތުގެ ބިގް ބެންވެސް އެއްޗަކަށް ނުވާނެ ކަމަށް ބުނެވެއެވެ. މި ގިނިހިލައިގެ އެއްކޮޅުން އަނެއް ކޮޅަށް (ހުރަހަށް) 213 މީޓަރު ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

"2020 އެކްސްޔޫ 6" ގިނިހިލަ ދަތުރު ކުރަމުން އަންނަނީ ސިކުންތަކު 8.4 ކިލޯމީޓަރުގެ ބާރު މިނުގައެވެ. ނުވަތަ ގަޑިއަކު 30240 ކިލޯމީޓަރު ބާރު މިނުގައެވެ. ދުނިޔޭގެ ވަށަމިނުގައި 40075 ކިލޯމީޓަރު ހުންނައިރު، ދުނިޔެ ވަށާ ބުރެއް ޖެހުމަށް މި ގިނިހިލައަށް ބޭނުން ވާނީ ގަޑިއިރަކާ އިތުރު ވަގުތު ކޮޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދަކީ ދުނިޔެއާ އެންމެ ގާތަށް "2020 އެކްސްޔޫ 6" ގިނިހިލަ ދަތުރު ކުރާ ދުވަހެވެ. ނަމަވެސް، ދުނިޔޭގައި މި ގިނިހިލަ ނުޖެހޭނެ ކަމަށް ސައެންސްވެރިން ވަނީ ލަފާ ކޮށްފައެވެ. މި ގިނިހިލަ ދުނިޔެއާ އެންމެ ގާތުން ދަތުރު ކުރާނީ 4087734 ކިލޯމީޓަރު ނުވަތަ 2540000 މީޓަރު ދުރުން ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ހިނގާ ހަފުތާއަކީ ގިނިހަލަތަކުގެ ހަރަކާތްތައް ގިނަ ހަފުތާއެކެވެ. "2020 އެކްސްޔޫ 6" އަށް ފަހު، "2020 ބީވީ9" ގެ ނަން ދީފައިވާ، ބޮޑު މިނުގައި 23 މީޓަރު ހުންނަ ގިނިހިލައެއް، ދުނިޔެއާ 5.6 މިލިއަން ކިލޯޓަރު ދުރުން ދަތުރު ކުރާއިރު، "2021 ސީސީ5" ގެ ނަން ދީފައިވާ، 40 މީޓަރު ބޮޑު މިނުގެ ގިނަހިލައެއް، ދުނިޔެއާއި ގާތްގަނޑަކަށް 6.9 ކިލޯމީޓަރު ދުރުން ދަތުރު ކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.