ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ޑަކްޓް ނެޓްވޯކް އަޅައި ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުގެ ފަރާތުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ހިދުމަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާގައި، ހިޔާ ފްލެޓް ސަރަޙައްދުގެ ޑަކްޓް ނެޓްވޯކް މަސައްކަތާއި އެ ހިދުމަތް ފޯރުކޮށް ދިނުމަށް ހިޔާ ފްލެޓްތަކުގެ އެތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ވަޔަރިން މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތަކީ ހުޅުމާލޭ ފޭސް 2، ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ތަފާތު ގިނަ ހިދުމަތްތަކެއް ގާއިމު ކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތެކެވެ.
އެޗްޑީސީން ފާހަގަ ކުރާ ގޮތުގައި "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫގެ ބިންގަލެވެ. އެގޮތުން، "އޯޕަން އެކްސެސް ނެޓްވޯކް" ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް މުވާސަލާތީ ވިއުގައަކުން ގުޅައިލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗާ އެ މަޝްރޫގެ ދަށުން ގާއިމު ކުރާނެއެވެ.
އަދި އެ އިންފްރާސްޓްރަކްޗާ ގައި އެކުލެވޭ ފައިބާ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށް މަގުފަހި ވެގެން ދާއިރު، އެ މަޝްރޫގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ގާއިމު ކުރާ އެޗްޑީސީގެ "އޯޕަން އެކްސެސް ނެޓްވޯކް"އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލްނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށް ވުމުން، މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންގިލާބީ ހެޔޮ ބަދަލެއް އައިސް، އެ ހިދުމަތްތައް އާ ހަރުފަތްތަކަށް ވާސިލު ކޮށްދޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ ފަރާތުން ގާއިމު ކުރާ “އޯޕަން އެކްސެސް ނެޓްވޯކް”ގެ ހިދުމަތް ބޭނުން ކުރުމާ ގުޅޭ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އެ ކޯޕަރޭޝަނާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.