ދުވަސްވީ މީހުންނާއި ބަލި މީހުންގެ އެހީތެރިން ވެކްސިން ޖަހަން އަންގައިފިއެވެ.
އެޗްޕީއޭއިން ބުނީ އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅުދުންތެރި ކަމެއްގެ ސަބަބުން އެނދުމަތި ކޮށްފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުން ކޮވިޑް ވެކްސިން ޖެހުމަށް ބާރު އަޅާ ކަމަށެވެ.
އެގޮތުން މި ވަގުތު މާލެ ސަރަހައްދުގައި ދިރިއުޅޭ އެފަދަ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު ގައި ވެކްސިން ޖެހުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 04:30 އަށް ކަމަށެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުން ހެނދުނު 09:00 އިން މެންދުރު 01:30 އަށް ވެކްސިން ޖެހުން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ މިހާތަނަށް 70،009 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 69 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
މީގެ އިތުރުން މިހާރު އުމުރުން 35 އަހަރުން މަތީގެ މީހުންނާއި އުމުރުން 35 އަހަރާއި 18 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ބައްޔަށް ބޭސް ކުރާ މީޙުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ.