ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދޭ ވެކްސިން ކެމްޕޭނުގައި، ހާއްސަ ގުޅުންތަކެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ވެކްސިން ކިއު "ފަޅާލުމަށް ފަހު" ބަޔަކު ވެކްސިން ޖެހި މައްސަލާގައި، އާޖެންޓީނާގެ ސިއްހަތާ ބެހޭ ވަޒީރު، ހީނޭޒް ގޮންޒާލޭސް ގާރްސިއާ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި ހީނޭޒް ގޮންޒާލޭސް ގާރްސިއާ ވިދާޅުވީ، އޭނާ އޮފީސް މަސައްކަތާ ދުރުގައި ހުންނެވި ވަގުތެއްގައި، ވެކްސިން ޖެހުމަށް އޮތް އިޖުރާއަތުގެ ހަވާސާއިން ބޭރުން ބަޔަކު ވެކްސިން ޖެހި ކަމަށާ، އެއީ ގަސްތަކާ ނުލާ އެރި އޮޅުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.

އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒްއަށް ފޮނުއްވި ސިޓީއެއްގައި ހީނޭޒް ގޮންޒާލޭސް ގާރްސިއާ ވިދާޅުވީ، ރައީސްގެ ކުއްލި ހުށަހެޅުއްވުމާ އެއްގޮތަށް، ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ، އެކަން ރައީސްއަށް ހުށަހަޅުއްވާ ކަމަށެވެ.

އާޖެންޓީނާގެ ވެކްސިން ކެމްޕޭންގައި އަމަލު ކުރަމުން ދާ އިޖުރާއަތުގެ ބޭރުންވެސް ވެކްސިން ލިބޭ މައްސަލަ ފެންމަތިވީ، ސީދާ ވަޒީރާ ވާހަކަދައްކައިގެން ވެކްސިން ޖެހި ކަމަށް، އެ ގައުމުގެ ނޫސްވެރިއަކު ބުނި ހިސާބުންނެވެ.

ހީނޭޒް ގޮންޒާލޭސް ގާރްސިއާ އިސްތިއުފާ ދެއްވާފައި ވާއިރު، ހެލްތު މިނިސްޓްރުގެ މަގާމަށް ދެން ވަޑައިގަންނަވާނީ، ރަޝިއާއިން ތަރައްގީ ކުރި "ސްޕަޓްނިކް-5" ކޮވިޑް ވެކްސިންގެ ޑޯޒްތައް އާޖެންޓީނާއަށް ކަށަވަރު ކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑެޕިއުޓީ ހެލްތު މިނިސްޓަރު ކާރްލާ ބިޖޯތީ ކަމަށް މައުލޫމާތު ލިބެއެވެ.