ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދިއުމާ އެކު އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި އަދި ޑީސަލް ލީޓަރަކުން 0.48 ލާރި ބޮޑުކޮށްފައި ވާކަމަށެވެ. ކުރިން އެސްޓީއޯއިން ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.07 ރުފިޔާއެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.44 ރުފިޔާއަށެވެ.
އަދި އެސްޓީއޯއިން 8.71 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވަނީ 9.19 ރުފިޔާއަށް އަރާފައެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލުގެނައުމުގެ ކުރިން ކޮވިޑްގެ ބަލިމަޑުކަން ބޮޑުވެގެން ދިޔަ ދުވަސްވަރު ތެލުގެ އަގު އެތައް ފަހަރެއްގެ މަތިން ކުޑަކޮށްފައި ވާ ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށާފައި ވަނީ، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރާ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯންއަކަށް ހުރަސް އަޅާފައި ވާކަމަށް، ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ޔަމަނުގައި ހަނގުރާމަ ކުރަމުން އަންނަ ކޯލިޝަނުން ބުނުމާ އެކުގައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ހުރި ގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާ އަކުން 66 ސެންޓް އުފުލި، ތެޔޮ ފީފާއެއްގެ އަގު ވަނީ 63.09 ޑޮލަރަށް އަރާފައެވެ. މިއީ 1.1 ޕަސެންޓްގެ އުފުލުމެވެ. މިއީ ޖެނުއަރީ 22، 2020 އަށް ފަހު ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ވިއްކާ ތެޔޮ ފީފާއަކުން 86 ސެންޓް އުފުލި، ފީފާއެއްގެ އަގު 60.33 ޑޮލަރަށް ވަނީ އަރާފައެވެ. މިއީ 1.5 ޕަސެންޓްގެ އުފުލުމެކެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ވިއްކާ ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް އެންމެ ފަހުން އެރީ ޖެނުއަރީ 8، 2020 ގަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ތެޔޮ ފީފާއެއްގެ އަގު ސުން ރޭޓަށް ވުރެ ދަށަށް ގޮސް، ދުނިޔޭގެ ތެލުގެ ސިނާއަތް އިނދަޖެހުމާ ގާތަށްވެސް ދިޔައެވެ. ނަމަވެސް، އޯޕެކް ފަދަ ތެލުގެ ސަޕްލައި ކޮންޓްރޯލް ކުރާ އިއްތިހާދުތަކާއި، ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅަން ފެށި ހަރުކަށި ފިޔަވަޅުތަކާއެކު، ތެލުގެ ސިނާއަތް އަނެއްކާވެސް މިވަނީ ކޮޅަށް ޖެހެން ފަށާފައެވެ.