ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮންނަ ސެންޓްރަލް ޕާކުގައި އަލަށް ތަރައްގީ ކުރި ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ހެޗްޑީސީ) އިން ބުނީ، އެ ކަމަށް މިއަދު ހަވީރު ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށާއި އެ ސަރަހައްދުތައް ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް ކަމަށެވެ.
ސެންޓްރަލް ޕާކްގެ މިއަދު ހުޅުވި ދެ ސަަރަހައްދުގެ މަސައްކަތަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކެކެވެ. އެގޮތުން މިއަދު ހުޅުވި ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިން އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިން ޕްލެޓް ފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދަކާއި އަދި ޕާކިން ޒޯނެއްގެ އިތުރުން ބައިސިކަލް ދުއްވާ ހާއްސަ ރޫޓެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލެ ތަރައްގީ ކުރުުމުގެ ވަރަށް މުހިއްމު އެއް ޕްރޮޖެކްޓް ކަމަށެވެ. އޭނާ ވަނީ އެކަން ފާހަގަ ކުރައްވާ އިންޑިއާ ސަރުކާރަށާއި އެމްބަސީއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އާއްމުނަށް ހުޅުވާލި ޕާކުގެ އެ ސަރަހައްދުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ފޮރިންގް މިނިސްޓަރުގެ އިތުރުން އިންޑިއާ އެމްބަސީގެ އިސް ބޭފުޅުންނާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ބަައިވެރިވެ ވަޑައިގެންފައެވެ.
މިއަދު ސެންޓްރަލް ޕާކުގެ ދެ ޒޯނެއްގެ އިތުރުން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މަރާމާތު ކޮށްފައިވާ ޖެޓީވެސް ވަނީ އިފުތިތާހް ކޮށްފައެވެ.