އައްޑޫ ސިޓީ ފޭދޫން އިތުރު އެކަކު ކޮވިޑަށް ޕޮޒިޓިވް ވެ މުޅި އައްޑޫން މިހާތަނަށް ފެނިފައިވާ ޖުމްލަ ކޭސްގެ އަދަދު 64 އަށް އަރައިފިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި އަލަށް ޕޮޒިޓިވްވި މިހާ ހިމަނައިގެން މިހާތަނަށް އައްޑޫއިން ކޮވިޑަށް 64 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 345 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި މިހާތަނަށް އައްޑޫގައި 214 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.
އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ޕޮޒިޓިވްވި 64 ކޭސް ތެރޭގައި ހިމެނެނީ ހުޅުދޫ އަދި މީދޫން 26 ކޭސް، ހިތަދޫން 20 ކޭސް، ފޭދޫން 14 ކޭސްގެ އިތުރަށް މަރަދޫ ފޭދޫން 4 ކޭހެވެ. މިހާތަނަށް އައްޑުއިން ކޮވިޑްގެ ކޭސްއެއް ނެތް ރަށަކީ މަރަދޫއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އައްޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، މިމަހު 9 ވަނަ ދުވަހު ވަނީ އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައެވެ. އޭރު 7 ދުވަހުގެ މުއްދަތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާން ކުރިއިރު، އެ މުއްދަތު ހަމަވެ، އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ.