ކޮވިޑް-19 ޖެހިގެން ރޭ 63 އަހަރުގެ އަންހެނަކު މަރުވެއްޖެއެވެ.

އެޗްޕީއޭން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާ ދެމުން ދަނިކޮށް 63 އަހަރު މީހަކު ރޭ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ރޭ 01:04 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 59 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 59 މީހުންގެ ތެރެއިން 56 މީހަކު މާލެ ސަރަހައްދުގައި މަރުވެފައި ވާއިރު، 2 މީހަކު މަރުވީ އަތޮޅު ތެރޭގެ ރަށްތަކުންނެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ އިތުރުން ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން، އުމުރުން 93 އަހަރުގެ މީހަކު އިއްޔެ ވަނީ މަރުވެފައެވެ. އެޗްޕީއޭއީން ބުނީ އިއްޔެ މަރުވި މީހާއަކީ ވެކްސިން ދިން ފަހުން ރާއްޖޭގައި މަރުވި ފުރަތަމަ މީހާ ކަމަށެވެ. އެޗްޕީއޭއިން ބުނީ އެމީހަކީ، ގިނަ ބަލިތަކަށް ބޭސް ކުރަމުން ދާ މީހެއް ކަމަށާއި، ބަލީގެ ސަބަބުން އެދުމަތިވެފައި އޮންނަތާ 10 އަހަރު ވެފައި ވާ މީހެއް ކަމަށެވެ.