"ކުއަޑް" އިއްތިހާދުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، މިޔަންމާއިން ގާނޫނު ނަގަހައްޓަން އިންޑިއާއިން ގޮވާލައިފިއެވެ.

"ކުއަޑް" އިއްތިހާދަކީ އިންޑިއާގެ އިތުރުން އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ އެކުލެވޭ ގޮތަށް ދާދި ފަހުން ފައްކާ ކުރަން ފެށި ބައިނަލްއަގުވާމީ އިއްތިހާދީ ގުޅުމެކެވެ.

ކުއަޑް އިއްތިހާދުގެ ހާރިޖީ ވަޒީރުންގެ 3 ވަނަ ބައްދަލުވުން ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައި ވާއިރު، މައިގަނޑު މައުލޫއަކަށް ވީ، މިމަހުގެ ކުރީ ކޮޅު އަސްކަރީ ބަޣާވާތަކުން ޑިމޮކްރަޓިކް ސަރުކާރެއް ވައްޓާލި މިޔަންމާއެވެ.

އިންޑިއާގެ އިތުރުން ޖަޕާނާއި އެމެރިކާއިން ވަކިވަކީން އިއްވި ބަޔާންތަކުގައި މިޔަންމާގެ ވާހަކަ ގެނެސްފައިވެއެވެ.

މި ބައްދަލުވުމާ ގުޅީގެން އިންޑިއާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިޔަންމާގައި ގާނޫނު ނެގެހެއްޓުމުގެ އިތުރުން، ޑިމޮކްރަތީކް ވެރިކަމަށް ގައުމުގެ ވެރިކަން ބަދަލު ކުރުމަށް އިންޑިއާއިން ގޮވާލާ ގޮވާލުން ތަކުރާރު ކޮށްފައި ވާނެ ކަމަށެވެ.

އެމެރިކާގެ ބަޔާނުގައިވެސް އޮތީ މިފަދަ ވާހަކަތަކެކެވެ. ޑިމޮކްރަޓިކް އުސޫލުން މިޔަންމާގައި އެކުލަވާލާފައި އޮތް ސަރުކާރު އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ. އެމެރިކާއިން މިޔަންމާއަށް މުހާތަބު ކުރަނީ ބަރުމާގެ ނަމުންނެވެ. ބަރުމާއަކީ އެންމެ ކުރީއްސުރެ މިޔަންމާއަށް ކިޔަމުން އައި ނަމަވެސް، ބަރުމާގެ ނަން، މިޔަންމާއަށް ބަދަލު ކުރީ 1989 ވަނަ އަހަރު، މިޔަންމާގެ އަސްކަރީ ސަރުކާރުންނެވެ. އެއަށްފަހު، މިޔަންމާގެ ނަމާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި އެއްގަލަކަށް އެރިފައެއް ނުވެއެވެ.

"ކުއަޑް" އިއްތިހާދުގެ ހާރިޖީ ވަޒީރުންގެ 3 ވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވާ މިދަނޑިވަޅަކީ، އިންޑިއާއާއި ޗައިނާގެ ގުޅުންވެސް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. މި އިއްތިހާދުން ވަނީ ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދެއް އޮތުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް ގޮވާލާފައެވެ. އަދި މި ސަރަހައްދުގައި މިނިވަންކަމާއެކު ދަތުރުކޮށް، ސަރަހައްދީ ނަޒާހާތްތެރިކަން ކަށަވަރު ކުރުމަށްވެސް އިއްތިހާދުން ވަނީ ގޮވާލާފައެވެ.

"ކުއަޑް" އިއްތިހާދުގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންދިޔައީ، 2019 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކްގައި އޮތް އދގެ އާންމު މަޖިލީހުގެ ހަވާސާގައެވެ.